ރައީސްގެ ގަރާރަކުން ރާއްޖެއަށް އެތެރެކުރުން މަނާވާ، އެއް ފަހަރު ބޭނުން ކޮށް އުކާލާ ޒާތުގެ ޕުލާސްޓިކުގެ 12 ބާވަތެއް ވަނީ ހިމަނާފަ އެވެ. އޭގެތެރޭގައި ދިވެހިން އާއްމުކޮށް ބޭނުން ކުރާ ސްޕާރީ ޕެކެޓް ވެސް ހިމެނެއެވެ.

އެހެން ކަމުން އާންމު ދިރިއުޅުމުގައި ގިނަ ބަޔަކު ދުފުމަށް ބޭނުން ކުރާ “ސުޕާރީ” ހިމެނުމާއި ގުޅިގެން ވިޔަފާރިވެރިންނާއި، އާންމު ރައްޔިތުންނަށް އެ ޚަބަރު ވެގެން ދިޔައީ އެހާ އަޑުއަހަން ފަސޭހަ ޚަބަރަކަށް ނޫނެވެ.  އަދި ބައެއް ފަރާތްތަކުން ބުނަމުން އައީ ޕްލާސްޓިކް ކޮތަޅުގައި ސުޕާރީ އެތެރެ ނުކުރިއަސް ފުޅީގައި ސުޕާރީ އެތެރެ ކުރާނެ ކަމަށެވެ. މިއަދު ފެނިގެން މިދަނީ އެކަން ހަގީގަތަކަށް ވެގެން ދާ މަންޒަރެވެ.

މިއާއި އެކީ ސުޕާރީ ހުސްވެދާނެ ކަމުގެ ބިރުގައި ތިބި ދިވެހިންނަށް އެ ހަބަރު ވީ އުފާވެރި ހަބަރަކެވެ. އެއް ގޮތަކަށް ހަދާފައި ހުންނަ 110 ގްރާމްގެ ފުޅިތައް ގަންނަން ބާޒާރުގައި ލިބެން ހުރުމެވެ. މިހާރު ފުވައްމުލަކުގެ ފިހާރަތަކުން ވެސް ސުޕާރީ ފުޅި ލިބެން އެބަހުއްޓެވެ.

އެކި ރަށްރަށުގެ ފިހާރަތަކުން ސުޕާރި އަޅާފައި ހުރި ބިއްލޫރި ފުޅިތައް ވިއްކަމުން އަންނަނީ އެކި އަގަށެވެ. އެގޮތުން 75 ރުފިޔާއަށް ފުވައްމުލަކު “ލިޓުލްމާރޓް” ފިހާރައިން ލިބޭނެ ކަމަށް އެ ފިހާރާގެ ވެރިފަރާތުން ވަނީ “އެފްޓީ”އަށް މައުލޫމާތު ދީފައެވެ.

75 ރުފިޔާއަށް އެ ފިހާރައިން ލިބޭއިރު، ރަށުގެ ބައެއް ފިހާރަތަކުން ސުޕާރީ ފުޅިއެއްގެ އަގު އުޅެނީ 95ރުފިޔާ އާއި 85ރުފިޔާ ދެމެދުގެ އަގެއްގައެވެ.

ބިއްލޫރި ފުޅީގައި ސުޕާރީ ވިއްކަން ފެށުމާއި އެކީ ޖީބަށް ލައިގެން ދެން ސުޕާރީ ގެންގުޅުން ވާނީ އުނދަގޫ ކަމަކަށެވެ. އެހެން ނަމަވެސް ދަބަސް ތެރެއަށް ލައިގެން އުޅެވޭނެއެވެ. ސުޕާރީ ބިއްލޫރި ފުޅިއަކަށް އެޅުމާއި އެކީ މަގުމަތިން ފެންނަ ސުޕާރީ ހުސް އުރަތަށް މަދުވެގެން ދާނެ ކަމީ ޔަގީން ކަމެެކެވެ.

ޖޫން 2021 އިން ފެށިގެން މަނާވާ ޕްލާސްޓިކް

  • ދިޔާތަކެތި ބޯން ބޭނުންކުރާ ޕްލާސްޓިކް ހޮޅި
  • ޕްލާސްޓިކް ތަށި، ސަމުސާ، ވަޅި، އޫ، ދިޔާތަކެތި ގިރަން ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު
  • ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކް ކޮތަޅު
  • ޕްލާސްޓިކްގައި ބަންދުކޮށްފައި އިމްޕޯޓްކުރާ ސުޕާރީ
  • 250 މިލިލީޓަރަށް ވުރެ ކުޑަ ސިންގަލް ޔޫސް ކޮފީ ތަށި
  • ޕްލާސްޓިކް ދަނޑިކޮޅު ލާފައިވާ ކަފަބުރު
  • 50 މިލިލީޓަރާއި އެއަށްވުރެ ކުދި ޝޭމްޕޫ އަދި ސައިބޯނި ފުޅި
  • ރާއްޖެއަށް އިމްޕޯޓުކުރާ 500 މިލިލީޓަރަށް ވުރެ ކުދި ޕެޓު ފުޅި (ފެނާއި ލުއި ބުއިން ހިމެނޭ ގޮތަށް)

އެއްފަހަރު ބޭނުން ކޮށްފައި އުކާލާ ޕްލާސްޓިކަކީ ތިމާވެއްޓަށް އެންމެ ބޮޑު ގެއްލުމެއްދޭ އެކައްޗަށް ވަނީ ވެފައެވެ. ސަރުކާރުން މިހާރު ވެސް ދަނީ އެއްފަހަރު ބޭނުން ކުރުމަށް އުކާލާ ޕްލާސްޓިކް ބޭނުންކުރުން މަދުކުރަން ތަފާތު ޕްރޮގްރާމްތައް ހިންގަމުންނެވެ. އޭގެތެރޭގައި ސަރުކާރުގެ އޮފީސްތަކުގައި ޕްލާސްޓިކް ފުޅި ބޭނުން ކުރުން ހުއްޓާލުން ހިމެނެއެވެ.