އެދުމަކީ ބްލޮގަރ އަދި ސޯޝަލް މީޑިއާ އެކްޓިވިސްޓް، ޔާމީން ރަޝީދުގެ މަރަށް އިންސާފު ލިބުންކަމަށް މަރާވާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުން ބުނެފި އެވެ.

މަރު ކޮމިޝަނުން އެގޮތަށް ބުނީ ޔާމީން ރަޝީދު އަނިޔާވެރި ގޮތަކަށް މަރާލާފައިވާތާ 4 އަހަރު ފުރުމާއި ގުޅިިގެން ނެރުނު ބަޔާނުގަ އެވެ.

ބަޔާނުގައި ބުނެފައިވަނީ ޔާމީން ރަޝީދު ނެތުމުން އާއިލާއަށާއި ރަޙްމަތްތެރިންނަށް ލިބިފައިވާ ފުން ހިތާމައިގައި މި ކޮމިޝަނުން ބައިވެރިވާކަމަށެވެ. އަދި ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި އުފުލާފައިވާ ދަޢުވާގެ ޝަރީޢަތް ކުރިއަށްދާގޮތް ކޮމިޝަނުން ދަނީ ގާތުން ބަލަމުންކަމަށެވެ.

އަދި މި މައްސަލައިގެ ޝަރީޢަތް ހިނގަމުން ދިޔަކަމުގައި ވީނަމަވެސް، ޕްރޮސެކިއުޓަރ ޖެނެރަލްގެ ލަފަޔާއެކު، ހިނގަމުންދާ ޝަރީއަތަށް އެއްވެސް ނުފޫޒެއް ނުފޯރާގޮތަށް، މި މަރުގެ އަޑީގައި ތިބީ ކޮންބައެއްކަން ބަލައި ހޯދުމުގެ މަސައްކަތް މި ކޮމިޝަނުން ކުރަމުންދާކަން މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

ކޮމިޝަންގެ ބަޔާނުގައި އިތުރަށް ބުނީ ކޮމިޝަންގެ އެދުމަކީ، މިމައްސަލަ އާއި ގުޅިގެން މިހާރު ހިނގަމުންދާ ޝަރީޢަތް ވީހާވެސް އަވަހަކަށް ނިމުންކަމަށެވެ. އަދި ޔާމީން ރަޝީދުގެ އާއިލާއަށް އިންސާފު ލިބުންކަމަށެވެ.

ޔާމީން ރަޝީދު މާރާލީ 2017 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 23 ވަނަ ދުވަހުގެ ރޭ ދަންވަރު އެވެ.