މިދިޔަ އަހަރު ޖުލައި މަހު، ފުވައްމުލަކު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ރަޝީދު(ދޮންބެ) ވަނީ އާންމު ސިއްހަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހަޅުއްވާފައެވެ.

އެ ބިލު ދިރާސާ ކުރުމަށް ފަހު، މިދިޔަ ބުދަ ދުވަހު މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ ކޮމިޓީ ރިޕޯޓު މަޖިލިސް ތަޅުމަށް ފޮނުވާފައެވެ.

ކޮމިޓީ ރިިޕޯޓުގައި ގާނޫނަށް ގެންނަން ހުށަހަޅާ އިސްލާހުތައް ހިމަނާފައި ވާއިރު އޭގެެ ތެރޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ބާރު ރައީސަށް ދިނުމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

އެ ބިލުގައި ބުނާގޮތުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް، ސިއްހީ ނުރައްކާތެރި ބަލިމަޑުކަމެއް ކުރިމަތިވެއްޖެނަމަ، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ނުވަތަ ކަނޑައެޅޭ ވަކި ސަރަހައްދުތަކެއްގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް އެކަށީގެންވާ ހެއްކާ އެކު ސިއްހަތާ ބެހޭ ވަޒީރަށް ލަފާ ދޭންވާނެއެވެ.

އޭގެ އިތުރުން ސިއްހަތާ ބެހޭ ވަޒީރު ވަގުތުން ރައީސަށް އެ ލަފާ އަރުވަން ވާނެ ކަމަށް ވެސް ބިލުގައި ވަނީ ބުނެފައެވެ.

އެބިލުގެ އިތުރުން ގާނޫނުއަސާސީގައި ބުނާ ކުއްލި ނުރައްކަލުގެ ހާލަތާ އެއްގޮތް ކުރުމަށް އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ އިސްލާހު ގެނެސްފައެވެ.