މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހުމަދު މަހްލޫފް އާއި، ޗީފް އެގްޒެކެޓިވް ޓު ދަ ވައިސް ޕްރެޒިޑެންޓް ނަޒްރާ ނަސީމްގެ ދަރިކަނބަލުން ލައިބާ އަހްމަދު މަހްލޫފް (އެލީ) ގެ ލަވަކިޔުމުގެ ހުނަރު އެންމެފަހުން ގިނަ ބަޔެއްގެ ސަމާލުކަން ހޯދީ އެލީ އާއި، ހިންދީ ލަވަކިޔުންތެރިޔާ ޖާވިދު އަލީއާއި އެކު ރިލީޒްކުރި  ލަވަޔާއެކު އެވެ.

ލަވަ ފުރިހަމަވެފައި، އަހާލަންވެސް ފަސޭހަ އެވެ. ލަވަ ފެނި، އަޑުއެހި އެތަށް ބަޔަކަށް އެންމެ ފާހަގަވިކަމަކީ ކުޑަކުޑަ އެލީގެ ހުނަރު އެވެ. އެ ލަވައަށް ވަނީ ޔޫޓިއުބްގައި ކުރު މުއްދަތެއްގެ ތެރޭގައި އެތައްހާސް ވިއުސް ލިބިފައެވެ.

ނަމަވެސް މިފަހަރު ކުޑަކުޑަ “އެލީ” ބެލުންތެރިންނަށް ފޯރުކޮށްދޭން އުޅެނީ ލަވައެއް ނޫނެވެ. ރޯދަ ހަދިޔާއެކެވެ. ރީތި މަދަހެކެވެ. “އެލީ”ގެ މި އަގުބޮޑު ހަދިޔާ އާންމުނަށް މިފަހަރު ދޭން އުޅެނީ “އެލީ”ގެ ލޯބިވާ މަންމަގެ ބައިވެރިވުމާއި އެކު އެވެ.

އެއީ “އިތުރު ރަސޫލާ” މަދަހާގެ ކަވަރެކެވެ. މި މަދަހަ ކިޔާފައި ވަނީ އެލީ އާއި މަންމަ ނަޒޫގެ އަޑުންނެވެ.

ޓޮނިކްލައިވް ސްޓޫޑިއޯއިން ރެކޯޑް ކޮށްފައިވާ މި މަދަހަ “އެލީގެ” ރޯދަ ހަދިޔާގެ ގޮތުގައި ވަރަށް އަވަހަށް ރިލީޒް ކުރާނެ ކަމުގެ އުފާވެރި ޚަބަރު “އެލީގެ” ބައްޕަ އަހުމަދު މަހްލޫފް ވަނީ މީސްމީޑިއާގައި އާންމު ކޮށްފައެވެ.