އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި މެދު ހެންވޭރު ދާއިރާގެ ރައީސް ކަމުގެ މަޤާމަށް ކުރިމަތިލުމަށް “އިޤްބާލް އަހުމަދު” ނިންމައިފި އެވެ. މިކަމުގައި އެންމެހައި މެންބަރުން ގެ އެއްބާރުލުމާއި ތާއީދު ދެއްވުމަށް އިޤްބާލު އެދިފައިވެ އެވެ.

އިޤްބާލު މިކަން އިއުލާން ކޮށްފައި ވަނީ ކުރި ޓްވީޓެއްގައެވެ.

އެމްޑީޕީން ހާމަކޮށްފައިވާ ގޮތުގައި މި އިންތިހާބުގައި ވޯޓުލުމަށް ހަމަޖެހިފައިވަނީ ދާއިރާތަކުގައި ހިމެނޭ އެޕާޓީގެ އާންމު މެންބަރުންނެވެ.  އެ ޕާޓީގެ އެތެރޭގެ އިންތިހާބުގައި ވޯޓުލެވޭނީ މިމަހު 18 ވަނަ ދުވަހާ ހަމައަށް އެ ޕާޓީގެ މެންބަރުންގެ ގޮތުގައި ހިމެނިފައިވާ ފަރާތްތަކަށެވެ.

މި އިންތިހާބުގައި އެ ޕާޓީގެ ދާއިރާތަކުގެ ރައީސުންނާއި، ޕްރޮވިންސްތަކުގެ ރައީސުންގެ އިތުރުން ހިންގާ ކޮމިޓީތައް އިންތިހާބު ކުރެވިގެންދާނެއެވެ. އަދި މީގެތެރެއިން ދާއިރާ ރައީސުންނާއި ޕްރޮވިންސްތަކުގެ ރައީސުންނަށް އެޕާޓީގެ ގައުމީ މަޖިލީހުން ޖާގަ ލިބިގެންދާނެއެވެ. އެމްޑީޕީގެ ގައުމީ މަޖިލީހަކީ އެ ޕާޓީގެ އެންމެ ފަހުގެ ނިންމުންތައް ނިންމާ މަޖިލީހެވެ. މިހާރު ގައުމީ މަޖިލިސް އެކުލެވިގެންވަނީ 147 މެމްބަރުންގެ މައްޗަށެވެ.

އެންމެފަހުން އެމްޑީޕީއިން އެ ޕާޓީގެ ގައުމީ މަޖިލީހަށް މެމްބަރުން އިންތިހާބު ކޮށްފައި ވަނީ 2016 ވަނަ އަހަރުގެ މާޗު މަހުގެ 11 ވަނަ ދުވަހުއެވެ. އެ ޕާޓީގެ ގައުމީ މަޖިލީހަށް މެމްބަރުން އިންތިހާބު ކުރަނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށް ވާއިރު މިފަހަރުގެ އިންތިހާބު ވަނީ މީގެކުރިން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ފަސްކޮށްފައެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބަކީ އަބަދުވެސް ވަރަށް ފޯރިގަދަ އިންތިހާބެކެވެ. ވަކިން ހާއްސަކޮށް ދާއިރާތަކުގެ ރައީސުންނާއި ޕްރޮވިންސްތަކުގެ ރައީސުންގެ މަގާމުތަކަކީ ވާދަވެރި މަގާމުތަކެކެވެ. މިފަހަރު ވެސް މަންޒަރު ފެންނަމުންދަނީ އެހެންނެވެ. އެގޮތުން އިންތިހާބު އިއުލާންކުރުމުގެ ކުރިން ވެސް ބައެއް ފަރާތްތަކުން ވަނީ ވާދަކުރާނެކަން އިއުލާންކޮށް ކެމްޕޭން ފަށާފައެވެ. އޭގެ ތެރޭގައި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، ކުންފުނިތަކުގެ އިސްވެރިންގެ އިތުރުން އެޕާޓީގެ ހަރަކާތްތަކުގައި ޒަމާނުއްސުރެ އިސްކޮށް ހަރަކާތްތެރިވާ ފަރާތްތައް ހިމެނެއެވެ.

އަންނަ މޭ މަހު 29 ގައި ބާއްވަން ހަމަޖެހިފައި ވާ އެމްޑީޕީ އެތެރޭގެ އިންތިހާބުގެ ޓައިމްލައިން ގައި ވާ ގޮތުން އެތެރޭގެ އިންތިހާބަށް ކުރިމަތި ލުމުގެ ފުރުސަތު މިމަހު 24 ވާ ހޮނިހިރު ދުވަހު ހުޅުވާލާއިރު، އެ ފުރުސަތު ބަންދު ކުރުމަށް ހަމަޖެހިފައި ވަނީ މޭ 8 ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00 ގައެވެ.  މި މުއްދަތުގެ ތެރޭގައި، އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓް އާންމުކޮށް، ޝަކުވާ ހުށަހެޅުމަށް ހުޅުވާލާ، އަދި ޝަކުވާ ބަލައިގަތުމަށްފަހު ފައިނަލް ލިސްޓް ނެރުން އޮންނާނެއެވެ.