އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭ.އީ.އެޗް) ގެ ބެލުމުގެ ދަށުން ގާއިމުކޮށްފައިވާ “ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރ” ފަދަ ސެންޓަރެއް ހުޅުމާލެގެ އިތުރުން ކުޅުދުއްފުށީގައި ގާއިމުކުރައްވާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.

ނާއިބު ރައީސް ފައިސަލް މިހެން ވިދާޅުވީ، ތެރަޕިއުޓިކްގެ ދާއިރާއިން މީހުން ބިނާކުރުމުގެ ސްކީމް ތަޢާރަފުކުރުމާއި، ސްޕޮންސަރުންނަށް އެގްރީމަންޓް ހަވާލުކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނާއިބު ރައީސް ވިދާޅުވީ، “ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރ” ހުޅުމާލެ ހޮސްޕިޓަލްގައި ގާއިމުކުރުމުގެ މަސައްކަތް ކުރިޔަށް ދާ ކަމަށާއި، މިފަދަ ސެންޓަރެއް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު) ގައި ވެސް ކައިރި މުސްތަގުބަލެއްގައި ގާއިމުކުރައްވާނެކަމަށެވެ.

މި ސަރުކާރުގެ ސިޔާސަތަކީ މާލެއާއި އަތޮޅުތަކުގެ ދެމެދުގައިވާ ތަފާތު ކުޑަކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތް މާލެއާއި އެއް ފެންވަރަކަށް އަތޮޅުތަކުން ވެސް ލިބޭނެ މަގު ފަހިކޮށްދިނުން ކަމުގައި ނައިބު ރައީސް ވިދާޅުވާ ވިދާޅުވުން އެ ރަސްމިއްޔާތުގައި ވެސް ވަނީ ތަކުރާރުކުރަށްވާފަ އެވެ.

ތެރަޕިއުޓިކްގެެ ދާއިރާއަކީ ޑިމާންޑް އޮތް ނަމަވެސް ޒަމާނުއްސުރެ އަޅައިނުލެވި އޮތް ދާއިރާއެއް ކަމަށާއި، އެ ދާއިރާއިން މީހުން ބިނާކުރުމަށް މި ތަޢާރަފުކުރެވުނު ސްކީމްގެ ސަބަބުން އަތޮޅުތަކުގައި ދިރިއުޅޭ ގިނަ ޢާއިލާތަކަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭނެ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އެކި ދާއިރާތަކުން މީހުން ބިނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އެންމެ އިސްކަމެއް ދެއްވާ އެއް ވަޢުދުކަން ފާހަގަކުރައްވާ ނާއިބު ރައީސް ވިދާޅުވީ، އިޖްތިމާޢީ މިފަދަ ކަންކަމުގައި ނަތީޖާ ނެރެވޭނީ ހުރިހާ އެންމެން ގުޅިގެން މަސައްކަތްކޮށްގެން ކަމަށާއި، އެއީ އެންމެ މީހެއްގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް ނޫންކަމަށެވެ.

އިއްޔެ އިފްތިތާޙުކުރެވުނު ސްކީމަކީ ކޯޕަރޭޓް ސްކޮލަރޝިޕް ސްކީމްގެ ދަށުން ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ތެރަޕިއުޓިކް ފަރުވާގެ ތެރެއިން އޮކިއުޕޭޝަނަލް ތެރަޕީއާއި، ސްޕީޗް ތެރަޕީގެ ދާއިރާއިން މަތީ ތަޢުލީމާއިި ތަމްރީނު ފޯރުކޮށްދިނުމަށް ތަޢާރަފުކުރެވުނު ސްކީމެކެވެ.

މި ސްކީމްގެ ސްކޮލަރޝިޕްތައް ސްޕޮންސަރކޮށްފައި ވަނީ ސަރުކާރުގެ ބައެއް ކުންފުނިތަކާއި އަމިއްލަ ފަރާތްތަކާ ގުޅިގެންނެވެ.