މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ކޯޕަރޭޓް ސްކޮލަރޝިޕް ސްކީމްގެ ދަށުން، އެމްޑަބްލިއުއެސްސީގެ ފަރާތުން ތެރަޕިއުޓިކް ދާއިރާއިން މީހުން ބިނާ ކުރުމުގެ މަސައްކަތަށް އެހީވުމުގެ ގޮތުން، މި ދާއިރާއިން ބެޗްލަރސް ޑިގްރީ ލެވެލްގެ ކޯސް ފުރިހަމަ ކުރުމަށް 4 ދަރިވަރެއް ސްޕޮންސަރ ކޮށްފިއެވެ.

މިސްޕޮންސަރޝިޕްއާ ގުޅިގެން، ތެރަޕިއުޓިކް ދާއިރާއިން މީހުން ބިނާ ކުރުމުގެ މަސައްކަތް އިފްތިތާހް ކުރުމުގެ ގޮތުން، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ފަރާތުން  ވަނީ ހާއްސަ ވާރޗުއަލް ހަފްލާއެއް ބާއްވާފައެވެ. މި ހަފްލާގައި، އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ރާއްޖޭގައި ތެރަޕީ ހިދުމަތްތަކަކީ އާންމު ރައްޔިތުން ހޯދުމަށް ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ ހިދުމަތްތަކެކެވެ. ނަމަވެސް، މިދާއިރާއިން ހާއްސަވެގެން ތަމްރީން ލިބިފައިވާ މީހުން މަދުކާމައި އެކު މި ހިދުމަތްތައް އެންމެ އެކަށީގެންވާ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް ވަނީ ދަތިތަކެއް ދިމާވެފައެވެެ. ވުމާއެކު، ތެރަޕީގެ އެކި އެކި ދާއިރާތަކުން މީހުން ބިނާކުރުމަށް ވަރަށް ބޮޑަށް ބޭނުންވެފައިވާކަން މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން އިން ވަނީ ފާހަގަ ކުރައްވާފައެވެ.

އެމްޑަބްލިއުއެސްސީގެ ފަރާތުން ސްޕޮންސަރ ކުރާ 4 ދަރިވަރުން ތަމްރީން ކުރަނީ، އޯޑިއޮލޮޖީ، އޯޑިއޮލޮޖީ އެންޑް ސްޕީޗް ލެންގުއެޖް ޕެތަލޮޖީ، އޮކިއުޕޭޝަނަލް ތެރަޕީ އަދި ބިހޭވިއަރަލް ތެރަޕީ، މި ދާއިރާ ތަކުންނެވެ. 4 އަހަރު ދުވަހުގެ މިކޯސްތައް ފުރިހަމަ ކުރުމަށް، 2.3 މިލިއަން ދިވެހި ރުފިޔާ ހަރަދު ކުރުމަށް ވަނީ ނިންމާފައެވެ.

މުޖުތަމައަށް ނުހަނު ބޮޑަށް ބޭނުން ޖެހިފައިވާ ރޮނގަކުން ދިވެހިން އުނގެނުމަށް މިފަދަ ފުރުސަތެއް، އެމްޑަބްލިއުއެސްސީގެ އިޖްތިމާއީ ޒިންމާގެ ދަށުން ފަހިކޮށް ދެވުމަކީ އެ ކުންފުންނަށް ލިބޭ ވަރަށް ބޮޑު އުފަލާކާއި ޝަރަފެއް ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި މިއީ މުޖްތަމައށް އޭގެ މަންފާއާއި ލާބަ ނުހަނު ބޮޑަށް ލިބިގެންދާނެ ކަމެއްކަމުގައި ދެކޭ ކަމަށް ވެސް  އެ ކުންފުނިންން ބުނެއެވެ.