‏ރޭޕް ކޭސްތަކުގައި އެދެވޭ ފިޔަވަޅެއް ނޭޅުމަކީ އެފަދަ ކުށް ކުރާ މުޖުރިމުންނަށް އިތުރަށް ލިބޭ ހިތްވަރެއް ކަމަށާއި, މިއަދު ފެނިގެން މިދަނީ އެކަމުގެ ހިތި ނަތީޖާކަމަށް އައްޝައިޚް ޝަފީޢު ވިދާޅުވެއްޖެއެވެ.

ޝައިޚް ޝަފީޢު މިހެން ވިދާޅުވެފައި މިވަނީ ހުކުރު ދުވަހުގެރޭ މާލޭގައި އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައެއް ފެންމަތިވެފައިވަނިކޮށެވެ.

ޝައިޚް ޝަފީޢު ވިދާޅުވީ ރޭޕް ކޭސްތަކުގައި އެދެވޭ ފިޔަވަޅު ނޭޅުމަކީ އެފަދަ ކުށްކުރާ މުޖުރިމުންނަށް އިތުރަށް ލިބިގެންދާނެ ހިތްވަރެއް ކަމަށެވެ. ހަމައެހެންމެ މުޖުތަމަޢުގައި އެފަދަ ޖަރީމާތައް އިތުރުވެގެން ދާނޭ އެންމެ މައިގަނޑު އެއް ސަބަބުކަން ވެސް ޝައިޚް ޝަފީޢު ފާހަގަކުރެއްވިއެވެ.

”މިއަދު ފެންނަމުން މި ދަނީ އެކަމުގެ ހިތި ނަތީޖާ. ދިވެހި މުޖުތަމަޢުއަކީ އަންހެނުންނާއި، ކުޑަކުދިންނަށް ރައްކައުތެރި މާހައުލަކަށް ހަދަން މިހާރު މިވަނީ އިންތިހާއަށް މަޖުބޫރުވެފައި. ސަރުކާރާއި ކަމާބެހޭ ފަރާތްތަކުން މިކަމާމެދު އެދެވޭ ފިޔަވަޅު އަޅަން ޖެހޭ. ފިލުވުމާއި, ފުރުވުމާއި، ދޫކުރުމަށް ހުއްޓުމެއް އަންނަން އެބަ ޖެހޭ.“ ކަންބޮޑުވުން ފާޅުކުރައްވައި ޝައިޚް ޝަފީޢު ވިދާޅުވިއެވެ.

ހުކުރު ދުވަހުގެރޭގައި، ދެ ފިރިހެނުންވެގެން ޢުމުުރުން 18 އަހަރުން މަތީގެ އަންހެންކުއްޖަކާ ދިމާކޮށްލީ، މ.ލެމަންގްރާާސް ރެސްޓޯރެންޓް ހުންނަ މަގުން އެ ކުއްޖާ ހިނގައިފައި ދަނިކޮށެވެ. އެއަށްފަހު ގަދަކަމުން އެ ކުއްޖާ އުފުލައިލައިގެން ގެންގޮސް ގެއަކަށް ވެއްދީކަމަށް މަންޒަރުދުށް ފަރާތަކާއި ހަވާލާދީ މިހާރު ނޫހުން ރިޕޯޓުކޮށްފައިވެއެވެ. މި މައްސަލައާއި ގުޅިގެން މިހާތަނަށް ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ޝައިޚް ޝަފީޢު ވަނީ އެކަން ކުރި މުޖުރިމުންނަށް މުޅި މުޖުތަމަޢަށް ޢިބުރަތަކަށް ފުދޭވަރުގެ ހަރުކަށި ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވައިލައްވައިފައެވެ.