އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގެ ޗާންސެރަލު ޑރ. މުހައްމަދު ޒާހިރު ހުސައިންގެ އަނބިކަނބަލުން، އަދި އަމީނިއްޔާ ސްކޫލުގައި ގިނަ އަހަރުތަކެއް ވަންދެން ހިދުމަތްކޮށްދެއްވި ހ. ނީލްވިލާ، ނާއިލާ އިބްރާހީމް ކަލޭފާނު (ނާއިލާ މިސް)، އަވަހާރަވުމާއި ގުޅިގެން އާއިލާއަށް ނައިބު ރަޢީސް ފައިސަލް ނަސީމް ތަޢުޡިޔާ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު ތަޢުޡިޔާގެ މެސެޖުގައި ވިދާޅުވެފައި ވަނީ..

ތަޢުލީމީ ދާއިރާއަށް ދިގު މުއްދަތަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްޙޫމާ ނާއިލާ އިބްރާހީމް ކަލޭފާނުގެ ފުރާނަފުޅަށް، ހެޔޮ ރަޙްމަތްލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި! އަދި މި ހިތާމަވެރި ދަނޑިވަޅުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި! آمينއެވެ.

ނާއިލާ އަވަހާރަވީ މިއަދު ހެނދުނު ގޭގަ އެވެ. އަވަހާރަވީ އިރު އުމުރަކީ 72 އަހަރެވެ.

ނާއިލާ ވަނީ 25 ވަރަކަށް އަހަރު ވަންދެން އަމީނިއްޔާ ސްކޫލުގައި ކިޔަވައިދެއްވައިފަ އެވެ. އަމީނިއްޔާ ސްކޫލަށް ދިގު މުއްދަތަށް ކޮށްދެއްވި ހިދުމަތާއެކު ނާއިލާ މަޝްހޫރުވެފައި ވަނީ ނާއިލާ މިސްގެ ނަމުންނެވެ.

ނާއިލާ ތައުލީމު ހާސިލްކުރެއްވީ ސްރީލަންކާއާއި ނިއުޒީލޭންޑުންނެވެ. އޭނާ ލިޔުއްވި ރެސިޕީ ފޮތް “ޒީނާރު” ވަނީ ދިވެހީންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ވެސް ހޯދައިފަ އެވެ.

އަވަހާރަވިއިރު ފިރިކަލުންނާއި ތިން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވި އެވެ. އެއީ ލުބުނާ ޒާހިރު ހުސައިން، ލީނާ ޒާހިރު ހުސައިން އަދި ވާއިލް ޒާހިރު ހުސައިން އެވެ.

ނާއިލާއަކީ ކުރީގެ މަޝްހޫރު ވިޔަފާރިވެރިޔާ ދިއްދޫ އިބްރާހިމް ކަލޭފާނު (ޑީއައިކޭ)ގެ ދަރިކަނބަލެކެވެ. އަދި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުކަމުގައި ހުންނެވި އަލީ ހާޝިމްގެ ދައްތައެވެ.

އަލްމަރްޙޫމާ ނާއިލާ އިބްރާހީމް ކަލޭފާނުގެ ފިރިކަލުން ޑރ. މުހައްމަދު ޒާހިރު ހުސައިންގެ އުފަން ރަށަކީ ފުވައްމުލަކެވެ.

މި ފުރުސަތުގައި “ފުވައްމުލައް ޓައިމްސް” އިންްވެސް އެދެނީ އަލްމަރްޙޫމާ ނާއިލާ އިބްރާހީމް ކަލޭފާނުގެ ފުރާނަފުޅަށް، ހެޔޮ ރަޙްމަތްލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާ، މި ހިތާމަވެރި ދަނޑިވަޅުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވުމެވެ.