ރާއްޖޭގައި އެންމެ އާންމުކޮށް ދެމުން އަންނަ ކޮވިޑާ ދެކޮޅު ވެކްސިން، ކޮވިޝީލްޑްގެ ދެވަނަ ޑޯޒުން ފުރަތަމަ ޑޯޒްގައި ދިމާވާ ފަދަ ސައިޑް އިފެކްޓްސް ވަރަށް ނުފެންނަ ކަމަށް އައިޖީއެމްއެޗްގެ ޑރ. މުހައްމަދު އަލީ ވިދާޅުވެއްޖެ އެވެ.

އޮކްސްފޯޑް ޔުނިވާސިޓީ އާއި ދުނިޔޭގެ ބޭހުގެ މައި އެއް ކުންފުނި އެސްޓްރަޒެނެކާ އިން އީޖާދުކޮށް އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދާ ކޮވިޝީލްޑްގެ ދެ ވަނަ ޑޯޒު ރާއްޖޭގައި މިހާރު އަންނަނީ ދެމުންނެވެ. ފުރަތަމަ ޑޯޒު ޖެހުމުން ހުން އައުމާއި މޭނުބައިކުރުމާއި ހަށިގަނޑުގެ އެކި ތަންތަނުގައި ރިއްސުން ފަދަ މައްސަލަތައް އެތައް ބަޔަކަށް ކުރިމަތިވި އެވެ. އެހެންކަމުން ދެ ވަނަ ޑޯޒާ އެކު ވެސް އެފަދަ ސައިޑް އިފެކްޓްސް އަންނާނެތޯ ބައެއް މީހުން ސުވާލުކުރެ އެވެ.

ކޮވިޑާ ގުޅޭ އެކި ކަންކަމުގައި ވެސް އުޅުއްވަމުން ގެންދަވާ ޑރ. މުހައްމަދު އަލީ ވިދާޅުވީ ފުރަތަމަ ޑޯޒްގައި ފެންނަ ވަރަށް ދެވަނަ ޑޯޒް ޖެހުމުން ސައިޑް އިފެކްޓްސް ކުޑަ ކަމަށެވެ.

ކޮވިޝީލްޑްގެ ސައިޑް އިފެކްޓްސް ތެރޭގައި އިންޖެކްޝަން ޖެހި ތަނުގައި ގަނޑުލައި ތަދުވެ، ރަތްވެ ހިރުވާ، ނޫފައި ގަތުމާއި ހުން އައުމާއި ވަރުބަލިވުމާއި ބޮލުގައި ރިއްސުމާއި މެއި ނުބައިކުރުމާއި ހުޅުހުޅުގައި ނުވަތަ ގައިގެ މަސްތަކުގައި ރިއްސުން ފަދަ އުނދަގޫތައް ހިމެނެ އެވެ. އެ މައްސަލަތައް ދެ ތިން ދުވަހަށް ދެމިގެންދެ އެވެ.

ކޮންމެ ވެކްސިނެއްގައި ވެސް އަދި އާންމުކޮށް ބޭނުންކުރާ ބޭސްތަކުގައި ވެސް އެކި ސައިޑް އިފެކްޓްސް ހުރެ އެވެ.

ރާއްޖޭގައި މިވަގުތު ކޮވިޝީލްޑްގެ އިތުރުން ޗައިނާގެ ސިނަފޯމް ވެކްސިން ވެސް އަންނަނީ ދެމުންނެވެ. އަދި އެމެރިކާގެ ފައިޒާ ވެކްސިން ވެސް ރާއްޖެއަށް ލިބިފައިވެ އެވެ.

ސިނަފޯމް ވެކްސިނާއި ފައިޒާ ވެކްސިން ޖެހުމުން ވެސް ދިމާވަނީ ގާތްގަނޑަކަށް ކޮވިޝީލްޑް ވެކްސިނުން ވެސް ކުރިމަތިވާ ސައިޑް އިފެކްޓްސްތަކެވެ. އެކަމަކު، “ހެލްތުލައިން” ފަދަ ސިއްހީ ދާއިރާގެ ހަބަރުތައް ގެނެސްދޭ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ފައިޒާ ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމުން ފުރަތަމަ ޑޯޒަށް ވުރެ ފެންނަ ސައިޑް އިފެކްޓްސް އިތުރެވެ.

ކޮވިޝީލްޑްގެ ދެ ޑޯޒް ހަމަކުރުމުން ކޮވިޑް ބަލިން ރައްކާތެރިވުމުގެ ހިމާޔަތް 90 ޕަސެންޓަށް ގެންގޮސްދެ އެވެ. އަދި ބަލި ޖެހުނަސް ސީރިއަސް ހާލަތަކަށް ދިއުމުން ދުރުކޮށްދެ އެވެ.