ގަވާއިދާއި ޚިލާފަށް ބޭސް ފިހާރަ ހިންގުމާއި ބޭސް ރައްކާކޮށް، ބޭސް ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދާކަން ފާހަގަވެފައިވާ ކަމަށް ހެލްތް މިނިސްޓްރީގެ ދަށުން ހިންގަމުންދާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ވިދާޅުވެއްޖެ އެވެ.

އެމްއެފްޑީއޭއިން ކުރި އިއުލާނެއްގައި ވިދާޅުވީ، ބޭސް ބަހައްޓަން ޖެހޭ ފިނިހޫނުމިނާއި ހިލާފަށް، ބޭހުގެ ފެންވަރަށް ނޭދެވޭ އަސަރުކުރާގޮތަށް ބޭސްބަހައްޓާ، ވިއްކަމުންދާކަންވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެ މިނިސްޓްރީން ވިދާޅުވީ، ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރުކުރުމަށްޓަކައި ގަވާއިދުގައި ބަޔާންކޮށްފައިވާ ފަދައިން ބޭސް ފިހާރަ އަދި ބޭސް ގުދަން ހިންގާ އިމާރާތަކީ އެމްއެފްޑީއޭގެ ރަޖިސްޓްރީކޮށް “ޑޮކްޓަރީ ބޭސް ވިއްކުމުގެ ހުއްދަ” އާއި އެކު ހިދުމަތްދެމުންގެންދާ ތަންތަނަށް ވާންޖެހޭ ކަމަށެވެ.

އަދި ބޭސް ފިހާރައެއްގައި ފާމަސިސްޓް / ފާމަސީ އެސިސްޓެންޓް ނުވަތަ ޑިސްޕެންސަރ އެއްގެ ގޮތުގައި ޑޮކްޓަރީ ބޭސް ދޫކުރުމުގެ މަސައްކަތްކުރެވޭނީ މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލްގައި ރަޖިސްޓްރީވުމަށްފަހު އެމްއެފްޑީއޭއިން ދޫކުރާ ޑޮކްޓަރީ ބޭސް ދޫކުރުމުގެ ހުއްދަ އާއި އެކު ކަމަށްވެސް ވިދާޅުވިއެވެ.