އައްޑޫ ސިޓީގައި ވަކިން އޮންނަ ދެ އަވަށް ކަމުގައިވާ ހުޅުދޫ އަދި މީދޫ އަށް ޚާއްސަކޮށްގެން ހަދާފައިވާ “ހުޅުމީދޫ ފަޔަރ ސްޓޭޝަން” މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.

މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީދީ ވަނީީ ފަޔަރ ސްޓޭޝަނެއް އެ ދެ އަވަށުއި ހުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެެވެ.

އެގޮތުން މީގެ ކުރިން ހުޅުދޫ އަދި މީދޫގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ، ހިތަދޫން އެ ހާދިސާ ހިނގި އަވަށަކަށް ގޮސް ހާދިސާ ހިނގި ސަރަހައްދަށް އެޓެންޑް ކުރެވެނީ ގާތްގަނޑަކަށް އެއް ގަޑިއިރާއި 15 މިނެޓުން ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެ ދެ އަވަށަށް ޚާއްސަ ފަޔަރ ސްޓޭޝަނެއް ޤާއިމް ކުރުމުން އެ މައްސަލަ އަށް ހައްލު ލިބިގެން ދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

“ނަމަވެސް މިއަދު ހުޅުވިގެން މިދިޔަ ފަޔަ ސްޓޭޝަންގެ ސަބަބުން ހުޅުމީދޫގައި ހިނގާ މިފަދަ [އަލިފާނުގެ] ހާދިސާތަކުގައި، ފަޔަ އެންޑް ރެސްކިއު ޓީމަށް ދިހަ މިނެޓުގެ ތެރޭގައި ހާދިސާ ހިނގި ސަރަގައްދަށް ގޮސް ހަރަކާތްތެރިވެވޭނެ.” މާރިޔާ ވިދާޅުވި އެވެ.

ހުޅުދޫ އާއި މީދޫ އައްޑޫގެ މީހުން ދިރިއުޅޭ އެހެން ތަންތަނާއި ވަކިން އޮންނަ ތަނަކަށް ވާއިރު އެއީ ސިނާއީ ގިނަ މަސައްކަތްތަކެއް ހިނގަމުންދާ ދެ އަވަށް ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ހަމައެހެންމެ އެ ދެ އަވަށާ ޖެހިގެން ދެ ރިސޯޓު ވެސް އޮތުމާ އެކު ފަޔަ އެންޑް ރެސްކިއު ސާވިސްގެ ހިދުމަތް ހުޅުދޫ އާއި މީދޫން ލިބިގެން ދިއުމަކީ ރިސޯޓުތަކުގެ ރައްކާތެރިކަން ކަށަވަރުުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ފަޔަރ ސްޓޭޝަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އައްޑޫގެ ކައުންސިލަރުންނާއި އެކިއެކި މުއައްސަސާތަކުގެ ބޭފުޅުން ވެސް ބައިވެރިވަޑައިގެންނެވި އެވެ.