ސައުދީ އިން ރާއްޖެއަށް ހަދިޔާ ކުރި ކަދުރު، މަދުކަމުން މިއަހަރު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ނުބަހާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.

ކޮންމެ އަހަރަކު ރަމަޟާން މަހާ ދިމާކޮށް ސައުދީ ސަރުކާރުން ރާއްޖެއަށް ކަދުރު ހަދިޔާކުރެ އެވެ. މީގެ ކުރިން ސައުދީން 50 ޓަނުގެ ކަދުރު ހަދިޔާ ކުރި ނަމަވެސް މިއަހަރު ހަދިޔާ ކޮށްފައިވަނީ 25 ޓަނުގެ ކަދުރެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު “ވަން” އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މިއަހަރު ކަދުރު ބަހަން ނިންމާފައިވަނީ ފަގީރުންގެ ލިސްޓުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ. އަދި ބާކީވާ ކަދުރު ބަހަން ނިންމާފައިވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމުކޮށްފައިވާ އެކި އެކި ފެސިލިޓީތަކަށް ކަމަށެވެ.

“އެންމެނަށް ބަހާނެ ކަދުރެއް ނެތް. މިފަހަރު ސައުދީ ސަރުކާރުން ދީފަ ހުރީ ކުރީ އަހަރުތަކާ ހިލާފަށް ވަރަށް މަދުން. ކުރިން 50 ޓަން ހަދިޔާ ކުރިޔަސް މިފަހަރު ހަދިޔާ ކޮށްފައިވަނީ 25 ޓަނު. އެހެންވީމަ އަޅުގަނޑުމެން މި ބަހާނީ ފަގީރުންގެ ލިސްޓުގައި ހިމެނޭ މީހުންނަށް އެކަނި. ދެން ބާކީވާ ކަދުރު ހަދިޔާ ކުރާނީ، ޖަލު ތަކާއި، ކަރަންޓީނު ފެސިލިޓީ ތަކާއި، ކޮވިޑް ބަލި މީހުންނަށް ފަރުވާ ދޭ މަރުކަޒު ތަކަށާއި، ކުޑަކުދިންގެ ހިޔާ، ފިޔަވަތި، އަދި ރަށްރަށުގަ ގާއިމްކޮށްފަ ހުރި އެކި އެކި ފެސިލިޓީތަކަށް.” މިނިސްޓަރު ވިދާޅުވި އެވެ.

ޑރ. ޒާހިރު ވިދާޅުވީ މީގެ ކުރިންވެސް ރައްޔިތުންގެ ޝަކުވާ ލިބުނު ކަމަށާއި ނަމަވެސް މިފަހަރު އެއަށްވުރެ ބޮޑަށް ޝަކުވާ ލިބޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ނަމަވެސް ކުރީ އަހަރުތަކާ ހިލާފަށް މިއަހަރު ސައުދީން ކަދުރު މަދުން ދީފައިވަނީ ކޮވިޑްގެ ހާލަތާ ގުޅިގެން ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުންވެސް ކަދުރު އިތުރަށް ލިބޭތޯ އަދިވެސް ސައުދީ އެމްބަސީ އާއި ގުޅިގެން މަސައްކަތް ކުރައްވާ ކަމަށާއި ނަމަވެސް އިތުރަށް ކަދުރު ލިބޭނެ ކަމުގެ އިޝާރާތެއް އަދި މިހާތަނަށް ސައުދީ ސަރުކާރުން ދީފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ކަދުރު ބަހާނެ ގަޑިތަކާއި ބަހާނެ ގޮތުގެ ތަފްސީލު މިއަދުގެ ވަގުތެއްގައި އިއުލާން ކުރައްވާނެ ކަމަށެވެ.
މީގެ ކުރިންވެސް ކަދުރު ބަހާފައިވަނީ އެންމެ ފުރަތަމަ ފަގީރުންނަށް އިސްކަންދީގެންނެވެ. އޭގެފަހުން ކަދުރު ބަލާ އަންނަ ތަރުތީބުން އާންމުންނަށް ބަހަމުން ގެންދިޔަ އެވެ.