މަޖިލީހުގެ މަސައްކަތްތައް އޮންނަ ދުވަސްތަކުގައިވެސް މެމްބަރުންނަށް ދާއިރާތަކަށް ވަޑައިގެންނެވޭނެ ކަމަށާއި، އެ ދަތުރަކީ ރަސްމީ ދަތުރުތަކުގެ ގޮތުގައި ކަނޑައެޅޭނެ ކަމަށް މަޖިލީހުގެ އާއްމު ކޮމިޓީން ނިންމައިފިއެވެ.

އާއްމު ކޮމިޓީގެ މި ނިންމުން މަޖިލީހުގައި އިއްވަވައިދެއްވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މެމްބަރުންގެ ދަތުރުތަކުގެ މައުލޫމާތާއިއެކު ދަތުރު ދިއުމުގެ ހުއްދަ މަޖިލީހުގެ އިދާރާއިން އެދެން ވާނެ ކަމަށެވެ. އަދި މި ދަތުރުތަކުގައި މެމްބަރުން ހުންނަވާއިރު މަޖިލީހުގެ ހާޒިރީގައި އާއި ކޮމިޓީގެ ހާޒިރީގައި ފާހަގަކުރަންވާނީ ރަސްމީ ދަތުރުތަކުގެ ގޮތުގައި ކަމަށް ވެސް ވިދާޅުވިއެވެ. މީގެއިތުރުން ރަސްމީ ދަތުރެއްގައި ހުންނަވާއިރު ކޮމިޓީ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ މެމްބަރުންނަށް އޮންލައިންކޮށް އެ ބައްދަލުވުންތަކުގައި ބައިވެރިވެވޭނެ އެވެ.

ބައެއް މެމްބަރުން ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް ދާއިރާތަކަށް ވަޑައިގެންފައެވެ. އެއީ އެއް ދުވަހުގެ ސަލާމެއް ނެންގެވުމަށްފަހު މެމްބަރުން ދާއިރާތަކަށް ވަޑައިގަތުމަށް ނަޝީދު ދެއްވި އިރުޝާދުގެ މަތިންނެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ ކެމްޕެއިން ކުރެއްވުމަށް ދާއިރާތަކަށް ވަޑައިގެންނެވުމަށް މެމްބަރަކު އެދިވަޑައިގެންފިނަމަ، އެކަން ކޮށްދެއްވާނެ ކަމަށެވެ.