ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި އަމިއްލަ ފަރާތްތަކާ އެކު ވިޔަފާރިކުރުމާބެހޭ ގަވާއިދު އާންމުކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ގެޒެޓުކުރި ގަވާއިދުގައި ބުނާ ގޮތުން ލޯކަލް އޮތޯރިޓީ ކުންފުނި ރަޖިސްޓްރީ ކުރަން އެދި ހުށަހެޅޭނީ ސިޓީ، އަތޮޅު ނުވަތަ ރަށު ކައުންސިލެއްގެ ފަރާތުން އެ ކައުންސިލެއްގެ މެމްބަރުންގެ އަގްލަބިއްޔަތުން ފާސްކޮށްފައިވާ ގަރާރަކުންނެވެ.

ކުންފުނި ރަޖިސްޓްރީކުރަން އެދި ރެޖިސްޓްރާ އޮފް ކޮމްޕެނީޒްއަށް ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް އެ ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.

ގަވާއިދުގައި ބުނާ ގޮތުން ކުންފުންޏަށް ނަން ކިޔާއިރު، ކުުންފުނީގެ ހަމައެކަނި ހިއްސާދާރަކީ ރަށު ކައުންސިލެއް ނަމަ ކިޔަންވާނީ އަތޮޅާއި ރަށުގެ ނަމެވެ. އަތޮޅު ކައުންސިލެއް ނަމަ އެ ކައުންސިލެއް ނިސްބަތްވާ އިދާރީ ދާއިރާގެ ނަން ކިޔަން ޖެހޭއިރު، ސިޓީ ކައުންސިލެއް ނަމަ ކިޔަންވާނީ އެ ކައުންސިލެއް ނިސްބަތްވާ ސިޓީއެއްގެ ނަމެވެ.

މީގެ އިތުރުން ނަމުގެ ފަހަތަށް “ލޯކަލް އޮޓޯރިޓީ ކޮމްޕެނީ ލިމިޓެޑް”ވެސް ގެންނަން ޖެހޭނެ ކަމަށް ގަވާއިދުގައި ބުނެ އެވެ.

އެ ގަވާއިދުގެ ދަށުން އުފައްދާ ކުންފުންޏެއްގެ ދަރަންޏަށް ޒިންމާވާން ޖެހޭނީ އެ ކުންފުންޏެއް ހިއްސާވާ ކައުންސިލުން ނުވަތަ
ކައުންސިލުތަކުންނެވެ. އަދި ޒިންމާވާންޖެހޭނީ އެ ކުންފުންޏެއްގެ ހިއްސާއިން އުފެއްދުމަށް ކަނޑައަޅައިފައިވާ ރައުސްމާލުގެ ތެރެއިން އެއްވެސް މިންވަރެއް އެ ކުންފުންޏަށް ދައްކައިފައިނުވާ ނަމަ، އެ މިންވަރަކަށެވެ.

ލޯކަލް އޮޓޯރިޓީ ކުންފުނިތަކުގެ ހިއްސާ ބަދަލުކުރެވޭނީ ހަމައެކަނި ކައުންސިލްތަކުގެ މެދުގަ އެވެ. އަދި ކޮންމެ ކުންފުންޏެއްގައި ތިބޭނީ ތިން ޑިރެކްޓަރުންނެވެ.

ކުންފުންޏެއްގެ ހިއްސާދާރުންނަކީ އެއް ކައުންސިލަށްވުރެ ގިނަ ކައުންސިލްތަކެއް ނަމަ، އެ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ގޮތުގައި ތިބެވޭނީ ހިއްސާދާރުންގެ ގޮތުގައި ތިބޭ ކޮންމެ ކައުންސިލެއްގެ މެންބަރުންގެ ގަރާރަކުން އައްޔަނުކުރާ ފަރާތްތަކަށެވެ.

މީގެ އިތުރުން އަމިއްލަ ފަރާތެއްގެ ވިޔަފާރީގައި ކައުންސިލަކަށް ބައިވެރިވެވޭނީ، އެކަމަށް އެދި ހުށަހަޅަން ޖެހޭ ލިޔުންތައް ހުށަހެޅުމުން، ރެޖިސްޓްރާ އޮފް ކޮމެނީޒް ދޭ ހުއްދައެއްގެ ދަށުންނެވެ.

އަމިއްލަ ފަރާތްތަކާއެކު ކުންފުނި އުފައްދަން ހުށަހަޅާއިރު، ކައުންސިލުގެ ހިއްސާ އޮންނާންޖެހޭނީ، 20 ޕަސެންޓަށްވުރެ އިތުރުނުވާނެ މިންވަރަކަށެވެ.

ކައުންސިލްތަކުގެ މަސްއޫލިއްޔަތުތަކާއި ދާއިރާގެ ތެރޭގައި އިގްތިސާދީ ހަރަކާތްތައް ހިންގުމަށްޓަކައި ކުންފުނި އުފެއްދުމާއި އަމިއްލަ ފަރާތްތަކާ އެކު ވިޔަފާރި ކުރުމުގެ ބާރު ކައުންސިލްތަކަށް ލިބިދެނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުންނެވެ.