ރާއްޖޭގެ ރިސޯޓުތަކުގެ ތެރެއިން މި މަހު ސާވިސް ޗާޖުގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ބެހި ރިސޯޓަކަށް ވަލްޑޯފް އޮސްޓްރިއާ އިތާފުށި ވެއްޖެ އެވެ.
“ރިސޯޓު ވޯކާސް މޯލްޑިވްސް” ފޭސްބުކް ޕޭޖުގައި ހާމަކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި މަހު އިތާފުށިން ވަނީ ސާވިސް ޗާޖުގެ ގޮތުގައި މީހަކަށް 2،433 ޑޮލަރު (37،516.8ރ.) ދީފަ އެވެ.

މި ލިސްޓުގައި ހިމެނޭ ރިސޯޓުތަކުގެ ތެރެއިން މި މަހު 2،000 ޑޮލަރަށް ވުރެ ބޮޑު އަދަދެއް ދީފައިވަނީ އިތާފުއްޓާއި ވެލާ ރިސޯޓުން އެކަންޏެވެ. ވެލާއިން ވަނީ މި މަހު ސާވިސް ޗާޖުގެ ގޮތުގައި 2،303 ޑޮލަރު (35،512ރ.) ދީފަ އެވެ.
އެނގިފައިވާ ގޮތުގައި މީހަކަށް ލިބޭ ސާވިސް ޗާޖު، އިތާފުށީގައި މި މަހު އިތުރުވީ އެ ރިސޯޓުގެ ދިވެހި މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށްފައިވާތީ އެވެ. ކޮވިޑްގެ ބަންދަށް ފަހު އަލުން ހުޅުވި ފަހުން އެ ރިސޯޓުން ވަނީ ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކޮށްފައި ކަމަށް ވެސް، ޓޫރިޒަމް ދާއިރާގެ ބައެއް ފަރާތްތަކުން ބުނެ އެވެ. އެކަމަކު ރިސޯޓުން އެކަމާ ބެހޭ އެއްވެސް މައުލޫމާތެއް ނުދެ އެވެ.
މި މަހު 1،000 ޑޮލަރަށް ވުރެ ބޮޑުކޮށް ސާވިސް ޗާޖު ބެހި ރިސޯޓުތަކުގެ ތެރޭގައި ޖޯލި މޯލްޑިވްސް އާއި ވައްކަރު މޯލްޑިވްސް އާއި ނިޔާމަ އަދި ފޯ ސީޒަންސްގެ ރިސޯޓުތަކާއި ނޯޓިލަސް ހިމެނެ އެވެ.
“ރިސޯޓު ވޯކާސް މޯލްޑިވްސް” ޕޭޖުގައި އެ އަދަދުތައް ހާމަކުރަނީ އެކި ރިސޯޓުތަކުގެ މުވައްޒަފުން އެ ޕޭޖަށް ފޮނުވާ މައުލޫމާތުގެ މައްޗަށް ބިނާކޮށެވެ.