އުރީދޫ މޯލްޑިވްސް އިން ހިއްސާ އަކަށް 2 ރުފިޔާ 34 ލާރި ބަހަން ފާސްކޮށްފިއެވެ.

އުރީދޫއިން މިގޮތަށް ފާސް ކޮށްފައި ވަނީ އެކުންފުނީގެ ހިއްސާދާރުންނާއެކު ރޭ ވާރޗުއަލްކޮށް ބޭއްވި އަހަރީ އާންމު ޖަލްސާގައެވެ.

މިޖަލްސާގައި 2 މާރިޗް 2020 ވީ ހޯމަ ދުވަހު ބާއްވާފައިވާ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ވެސް ފާސް ކޮށްފައި ވެއެވެ. ޔައުމިއްޔާ ފާސްވީ ވޯޓުގައި ބައިވެރިވި ހިއްސާދާރުންގެ %100 ވޯޓުންނެވެ.

ރޭގެ ޖަލްސާގައި 2020 ވަނަ އަހަރު އޮޑިޓް ކޮށްފައިވާ ބެލެންސް ޝީޓާއި، ޕްރޮފިޓް އެންޑް ލޮސް އެކައުންޓް އަދި އޮޑިޓަރުންގެ ރިޕޯޓު ހުށަހެޅިފައިވާ ގޮތުގެ މަތިން ފާސްކުރަން ވެސް ވަނީ ތާއީދު ކޮށްފައެވެ. މި ރިޕޯޓް ވެސް ފާސްވީ ވޯޓުގައި ބައިވެރިވި ހިއްސާދާރުންގެ 100% ވޯޓުންނެވެ.

ރޭގެ ޖަލްސާގައި 2020 ވަނަ އަހަރު އުރީދޫގެ ޑިރެކްޓަރުންގެ ރިޕޯޓު ހުށަހެޅިފައިވާ ގޮތަށް ވެސް ވަނީ ތާއީދު ކޮށްފައެވެ. މި ރިޕޯޓްވެސް ފާސް ކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި ހިއްސާދާރުންގެ %100 ވޯޓުންނެވެ.

މީގެއިތުރުން ރޭގެ ޖަލްސާގައި 2021 ވަނަ އަހަރުގެ އޮޑިޓަރުންގެ ގޮތުގައި ޕްރައިސްވޯޓަރހައުސްކޮޕަރސް އައްޔަނު ކުރުމަށާއި، ޕްރައިސްވޯޓަރހައުސްކޮޕަރސް ގެ އުޖޫރައިގެ ގޮތުގައި 59،610 އެމެރިކާ ޑޮލަރު ދިނުމަށް (ޓެކްސް ނުހިމަނާ އަދި މަސައްކަތާ ގުޅޭގޮތުން ކުރަންޖެހޭ އައުޓް އޮފް ޕޮކެޓް ޚަރަދުތައް ހިނގަމުންދާ މިންވަރަކުން ޖުމްލަ ފީ 5% އަށްވުރެ އިތުރު ނުވާނެހެން ބިލް) ފާސް ކުރަން ވެސް ތާއީދު ކުރިއެވެ. މި ބިލް ފާސް ކުރުމަށް ވެސް ވޯޓުގައި ބައިވެރިވި ހިއްސާދާރުންް ތެރެއިން %100 ހިއްސާދާރުން ވޯޓު ދީފައިވެއެވެ.

އުރީދޫގެ ފަރާތުން ވާޗުއަލްކޮށް ބޭއްވި މިޖަލްސާގައި ވާހަކަ ދައްކަވަމުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ ނަޖީބް ޚާން ވިދާޅުވީ ނިމިދިޔަ އަހަރަކީ އުރީދޫއަށް ވެސް ދަތިތަކަކާ ކުރިމަތިވި އަހަރެއް ނަމަވެސް، ކުންފުނީގެ ހިތްވަރުގަދަ މުވައްޒަފުންގެ ސަބަބުން ކާމިޔާބު އަހަރެއް ކަމަށެވެ.

އެގޮތުން މިދިޔަ އަހަރަކީ ރާއްޖޭގައި ކޮވިޑް-19 އެންމެ ފުރަތަމަ ފެތުރެމުން ދިޔަ އަހަރު ކަމަށްވެފައި، އެހެންކަމުން ކޮވިޑް-19 އާ ގުޅޭގޮތުން މައުލުމާތުދޭ އެންމެހާ ވެބްސައިޓުތައް އުރިދޫގެ ފަރާތުން ވައިޓްލިސްޓު ކުރިކަން ވެސް ނަޖީބް ޚާން ވަނީ ފާހަގަ ކުރައްވާފައެވެ.

މީގެއިތުރުން ނިމިދިޔަ އަހަރު ރާއްޖޭގެ ސަރުކާރަށް ރިލީފް އެއިޑްގެ ގޮތުގައި އުރީދޫއިން 2.5 މިލިއަން ރުފިޔާ ހަދިޔާ ކުރިކަން ވެސް ނަޖީބް ޚާން ވަނީ ފާހަގަ ކުރައްވާފައެވެ.

އުރީދޫއަށް މިދިޔަ އަހަރު ކުރިމަތިވި އެންމެ ބޮޑު އެއް ގެއްލުމެއްގެ ގޮތުގައި ނަޖީބް ޚާން ފާހަގަ ކުރެއްވި، އެކުންފުނީގެ މެއިން ބިލްޑިންގ ކަމަށްވާ ހެންވޭރު ސަންލީޓް ބިލްޑިންގައި ހިނގި އަލިފާނުގެ ހާދިސާއެވެ.

“އެބިލްޑިންގުގައި އަލިފާނުގެ ހާދިސާއެއް ހިނގުމުން ބޮޑު ގެއްލުމަކާއި ކުރިމަތިވި، ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ނުވޭ. އުރީދޫގެ ޓީމު ވަރަށް ވަރުގަދަ، އެހެންކަމުން މަސައްކަތަށް އެއްވެސް ބުރޫއެއް ނާރާ.” ނަޖީބް ޚާން ވިދާޅުވިއެވެ.

ނިމިދިޔަ 2020 ވަނަ އަހަރު އުރީދޫގެ ފަރާތުން ކުރި މުހިންމު މަސައްކަތްތަކުގެ ތެރެއިން، ރާއްޖޭގައި އެންމެ ފުރަތަމަ 5 ޖީ ބްރޯޑްބޭންޑް ޚިދުމަތް އެކުންފުނިން ވަނީ ދޭން ފަށާފައެވެ. މީގެއިތުރުން މުޅި ރާއްޖޭގައި ވެސް އެންމެ ފުރަތަމަ ބޭއްވުނު ވާރޗުއަލް ރަން ކަމުގައިވާ “އަތޮޅު ދުވުން” ވެސް އުރީދޫއިން ވަނީ ނިމިދިޔަ އަހަރު އަތޮޅުތަކުގައި ބާއްވާފައެވެ.

ނިމިދިޔަ އަހަރު ޕްރޮފިޓްގެ ގޮތުގައި އުރީދޫއަށް 407 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.