ޓެލެކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލްގެ އިތުބާރު ނެތް ކަަމަށް ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ނެގި ވޯޓުގައި ފުވައްމުލަކު ދެކުނުދާއިރާގެ އިއްޒައްތެރި މަޖިލީސް މެންބަރު  މުހައްމަދު މުމްތާޒް ބައިވެރިވެ ވަޑައިނުގަންނަވާ ކަމަށް ފުވައްމުލަކުގައި އަޑުފެތުރެން ފަށައިފިއެވެ.

މުހަޢްމަދު މަލީހަާއި އާއިލީ ގޮތުން ގާތް ގުޅުމެއް އޮންނަ މުހައްމަދު މުމްތާޒް ވޯޓުގައި ބައިވެރިވެ ވަޑައިނުގަތީ ދެންއަންނަ މަޖިލިސް އިންތިޚާބުގެ އިންތިޚާބުގައި މަލީހުގެ އާއިލާއިން މުމްތާޒަށް ތާއިދުކޮށްދޭނެ ކަމަށް ބަލައިގެން ކަމަށްވެސް  ފުވައްމުލަކުގައި ވަނީ އަޑުފެތުރިފަ އެވެ. އަދި ހަމަ މަލީހުގެ އާއިލާއިންވެސް ކެންޑިޑޭޓެއް ނެރޭނެ ކަމުގެ އަޑުވަނީ ފެތުރިފައެވެ.

މި ގޮތަށް އަޑު ފެތުރުނު ކަމުގައިވިޔަސް އެމްޑީޕީ ފުވައްމުލަަަކުގެ ބައެއް ދާއިރާ ތަކުގެ ރައީސުން އަދި ބައެއް މަޖިލިސް މެންބަރުން ވަނީ މުމްތާޒް ވޯޓުގައި ބައިވެރިވެ ވަޑައިނުގަންނަވާކަން “ފުވައްމުލައް ޓައިމްސް” އަށް ކަށަވަރުކޮށްދީފަ އެވެ. މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި އެމްޑީޕީން ވަނީ ތްރީލައިން ވިޕެއް ނެރެފައެވެ. މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ހޯދުމަށް ޕާޓީގެ ޕީޖީ ލީޑަރ އަލީ އާޒިމާއި ގުޅޭތޯ ފުވައްމުލައް ޓައިމްސް އިން ކުރި މަސައްކަތް ވަނީ އާޒިމް ފޯނު ނުނަންގަވާތީ ނާކާމިޔާބުވެފަ އެވެ.

މަލީހުގެ އާއިލާގެ ބައެއް ބޭބޭފުޅުން ދަނީ އެބޭފުޅުންގެ އާއިލާގެ ސަފުތަށް އޮތީ ބަދަހި ސަފުތަކެއްގެ ގޮތުގައި ރުކުރަވާލެވިފައި ކަމަށް ބުނަމުންނެވެ. ދެކުނު ދާއިރާގެ މަޖިލިސް މެންބަރު ކަންކުރެއްވި ގޮތުން އެ ވިދާޅުވާ އާއިލާގެ ސަފުތައް އޮތީ ބަދަހިކޮށް ކަން ޤަބޫލުކުރަން ޖެހެއެވެ.

މަލީހުގެ އާއިލާގެ ބޭފުޅެއް ކަމުގައިވާ ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ ކޮއްކޯފުޅު އަބުދުﷲ ޖަމީލު އަހުމަދު ފޭސް ބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ..

އަހަރެމެންނަކީ އަހަރެމެންގެ ލެއަށް އިހުތިރާމްކުރަން ދަންނަ އަދި އެ ލޭ ހިނގާ އަޚުންނާއި އުޚުތުން ދެކެ ލޯބިވާ ބައެއް. އަހަރެމެންގެ މާމަ އާއި މާފަ (މަންމަގެ ބައްޕަ) އަދި މުޅި އާއިލާއަކީ އެއްވެސް ބަޔަކާ ޒާތީ އަދި ހަސަދަވެރިކަމެއް ބޭއްވި ބައެއް ނޫންކަން މުޅި ދޫނޑިގަމު އެންމެން ދަންނާނެ.

އެ ދެ މީހުންނާއި ދަރިން އަހަރެމެން ތަރުބިއްޔަތުކުރީ ރީތި އަޚުލާގާއި އިސްލާމް ދީނުގެ ތަހަރައިގެ ތެރެއިން. އަދި އަހަރެމެންނަށް ލިބިފައިވާ ތައުލީމަކާއި ހުނަރުގެ ބޭނުން ހެޔޮގޮތުގައި ހިފައި މަސައްކަތްކުރަނީ އެހެން ބަޔަކަށް ބަރޯސާނުވުމަށް. އަދި ވެސް މަސައްކަތްކުރަނީ ކާބަފައިންނާއި މައިންބަފައިން ދަސްކޮށްދިން ތަރުބިއްޔަތުން އަވަށާއި ރަށާއި ގައުމުގެ މުސްތަގުބަލަށް ރަނގަޅު ޖީލެއް އުފެއްދުމަށް.

މުމްތާޒުގެ ކެމްޕެއިން ޓީމުގައި އިސްކޮށް ހަރަކާތްތެރިވި ބައެއް ފަރާތްތަކުން ލޯކަލް ކައުންސިލް އިންތިޚާބުގައި ކެމްޕެއިން ކުރައްވަނީ އިދިކޮޅު ފަރާތްތަކަށެވެ.

ކައުންސިލް އިންތިޚާބާއި ދިމާކޮށް ކެންޑިޑޭޓުން ތަސްބީހަ އެއްހެން “ޕާޓީ މީހާއަށް” ވޯޓް  ކިޔަމުންދާއިރު ޕާޓީގެ މަޖިލިސް މެންބަރުންގެ އަމަލުތައް މިފަދައިން ހުރުމުން ރައްޔިތުން ދަނީ “ޕާޓީ މީހާއަށް” ވޯޓް އެ ކިޔާ ކިޔުމާއި މެދު ޝައްކުގެ ނަޒަރަކުން ދެކެމުންނެވެ.

މަޖިލީހުގައި ނެގި ވޯޓުގައި މަލީހުގެ އިތުބާރު ނެތްކަމަށް ފެންނަ ކަަމަށް ވޯޓު ދެއްވީ  ޖަަލްސާގައި ބައިވެރިވެވަޑައިގެންނެވި 70 މެމްބަރުންގެ ތެރެއިން 59 މެމްބަރުންނެވެ. އެގޮތަށް ފާސްކުރަން ނުފެންނަ ކަމަށް އެއް މެމްބަރަކު އަދި ވަކި ކޮޅަކަށް ވޯޓު ނުދެއްވާ ހަތަރު މެމްބަރަކު ތިއްބެވި އެވެ.