ވިލާ އެއާ އާއި ވިލާ ކޮލެޖް ގުޅިގެން މޭއި މަހު ފްލައިން ސްކޫލެއް ހުޅުވަން ތައްޔާރުވެއްޖެ އެވެ.

ވިލާ އެއާގެ މެނޭޖިންގް ޑިރެކްޓަރ އަބްދުﷲ ނާޝިދު “ފުވައްމުލައް ޓައިމްސް” އަށް ވިދާޅުވީ، މާމިގިލީގައި ގާއިމު ކުރާ ފްލައިން ސްކޫލަކީ ވިލާ އެއާ އާއި ވިލާ ކޮލެޖް ގުޅިގެން ގާއިމު ކުރާ ތަނެއް ކަމަށާއި އެ މަސައްކަތް ހަލުވި ކަމާއި އެކީ މިހާރު ކުރިއަށްދާ ކަމަށެވެ.

ނާޝިދު ވިދާޅުވީ، މިއަހަރުގެ މޭއި މަހުގެ އެއް ވަނަ ދުވަހު އެތަން ހުޅުވައި ފެށޭވަރު ވާނެ ކަމަށާއި މިވަގުތު ސިވިލް އެވިއޭޝަން އޮތޯރިޓީން ލައިސަންސް ހޯދުމުގެ ކަންކަންވެސް ކުރިއަށްދާ ކަމަށެވެ.

“މޭއި މަހު އަޅުގަނޑުމެން ފަށާނަން. އަޅުގަނޑުމެންގެ ލައިސަންސްއާއި ހުރިހާ ކަމެއް ހަމަޖައްސައިގެން އެއަށް ޓާގެޓު ކޮށްގެން މަސައްކަތް މި ގެންދަނީ. އެކަމަށް ބޭނުންވާ ހުރިހާ ޑޮކިއުމެންޓްސްތައް އަދި ޓްރެއިނިން ޕްރޮގްރާމްތައް މިހާރު ކުރިއަށް ގެންދަނީ” ނާޝިދު ވިދާޅުވިއެވެ.

ނާޝިދު ވިދާޅުވީ، އެކަމަށް ބޭނުންވާ ވަރަށް ބޮޑު ބައި ނިމިފައިވާ ކަމަށާއި އެކަމާއި ގުޅިގެން ވިލާ އެއާ އަދި ކޮލެޖް ގުޅިގެން ވަރަށް އަވަހަށް ނޫސްވެރިންގެ ބައްދަލުވުމެއްވެސް ބާއްވާނެ ކަމަށް ނާޝިދު ވިދާޅުވިއެވެ.

ވިލާ އެއާ އާއި ވިލާ ކޮލެޖް ގުޅިގެން މާމިގިލީގައި ފްލައިން ސްކޫލެއް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، ދ ކުޑަހުވަދޫގައިވެސް މަންޓާ އެއާއިން އަންނަނީ ފްލައިން ސްކޫލެއް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ރާއްޖޭގައި މިވަގުތު ހުރި ހަމަ އެކަނި ފްލައިން ސްކޫލަކީ އައްޑޫސިޓީގައި ހުރި ސްކޫލެވެ. އެހެން ނަމަވެސް ސްކޫލުގެ އިހުމާލު ގިނަ ދަރިވަރުންތަކަށް ކޯސް ނުނިންމޭ ކަމަށް ބުނެ ގިނަ ދަރިވަރުންތަކެއް ވަނީ މީގެ ކުރިން ޝަކުވާ ކޮށްފައެވެ.

ވިލާ އެއާ އަދި ވިލާ ކޮލެޖަކީ ދިވެހިންގެ މެދުގައި އިތުބާުރު ލިބިފައިވާ ފަރާތްތަކެކެވެ.