ފުވައްމުލަކުގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ދެ ޒުވާނަކު މިއަދު ނިޔާވެއްޖެ އެވެ.

ފުވައްމުލަކުން ވާހަކަދެއްކި މީހަކު ބުނީ އެ އެކްސިޑެންޓް ހިނގީ މިއަދު ހަވީރު 4:30 ހާއިރު ޖަމާލުއްދީން ނައިބު ތުއްތުމަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރު ކޮންޓްރޯލް ނުވެ ގޮސް މަގުގެ އެއްފަރާތުގައި ހުރި ގަހެއްގައި ޖެހިގެން ކަމަށެވެ.

މި ހާދިސާގައި ނިޔާވީ ފުވައްމުލަކު ކެޕްރީ، އަހުމަދު މުތީއު 24، އާއި މެހެންދި، އާމިލް އަހުމަދު 19، އެވެ.

“ކާރު ކޮންޓްރޯލް ނުވެ ގޮސް މަގުގެ އެއްފަރާތުގައި ހުރި ކިނބި ގަހެއްގައި ޖެހި ކާރުކުރީކޮޅު އޮތީ ފުނޑުފުނޑުވެފައި އޮތީ. ކާރު ތެރެއިން ދެ މީހުން ނެރުނީ ވެސް ކުރީކޮޅު ގްރައިންޑަރުން ކަފާލައިގެން،” ކަމަށް މީހަކު މަޢުލޫމާތު ދިނެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ އެ އެކްސިޑެންޓްގައި ޒަހަމްވި އެކަކު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ. އަދި ދެވަނަ މީހާ ވެސް ހޮސްޕިޓަލަށް ގެންދިޔައިރު އޮތީ މަރުވެފައި ކަމަށްވެ އެވެ.

އޭގެތެރެއިން އެކަކު މަރުވީ 4:56ގައި ކަމަށާއި އަދި ދެވަނަ މީހާ މަރުވީ 5:04 ގައި ކަމަށް ވެއެވެ.

މަންޒަރު ދުށް މީހަކު ބުނީ އެ އެކްސިޑެންޓް ހިނގިއިރު ކާރު ދުއްވަން ހުރި މީހާގެ ބޯފެޅި، ސިކުނޑި ވެސް އޮތީ ބޭރަށް ނުކުމެފައި ކަމަށެވެ.