ފުވައްމުލަކުގައި ޓާރފް އަޅައިގެން ހަދާފައިވާ ފުޓުބޯޅަ ދަނޑަށް ކިޔާނެ ނަމަކާމެދު މި ރަށުގެ ޒުވާނުންގެ މެދުގައި ހޫނުގަދަ ބަހުސްތަކެއް ހިނގައި ޚިޔާލު ތަފާތު ވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ކުރިއަށްދިޔަ މި ބަޙުސްގައި ބައެއް ފަރާތްތަކުން ބުނަމުން ދަނީ ފުވައްމުލަކުގައި އެންމެ ފުރަތަމަ އަޅާފައިވާ ޓާރފް ފުޓުބޯޅަ ދަނޑަކީ ހޯދަޑު އަވަށުގައި އަޅާފައިވާ ދަނޑު ކަމަށްވާތީ އެ ދަނޑަށް “ފުވައްމުލައް ފުޓްބޯލް ސްޓޭޑިއަމް” ކިއުން ރަނގަޅު ކަމަށެވެ.

އެހެން ޒުވާނަކު ބުނެފައިވަނީ އެ ދަނޑަކީ ވަކި އަވަށަކަށް ނިސްބަތްވާ ސްޓޭޑިއަމެއް ނޫން ކަމަށާއި އެހެން އެހެންކަމުން އެ ދަނޑަށް “ހަވިއްތަ ސްޓޭޑިއަމް” ގެ ނަމުން ނަން ދިނުމަށް އާންމުންގެ ޚިޔާލަށް ހުޅުވާލާފައެވެ.

އެހެން ނަމަވެސް ހޯދަޑު އަވަށުގެ ޒުވާނުންގެ ތެރެއިން ސޯޝަލް މީޑިއާގައި ޚިޔާލު ފާޅުކުރި ބައެއް ފަރާތްތަކުން ވަނީ އެ ދަނޑުގެ ނަމުގައި ހޯދަޑު އޮންނަން ޖެހޭނެ ކަމަށެވެ. ސަބަބަކީ އެއީ ހޯދަޑުގެ ފުޓުބޯޅަ ދަނޑަށް ވާތީއެވެ.

މީގެ އިތުރުން އެހެން އަވަށްތަކަށް ނިސްބަތްވާ ޒުވާނުންގެ ތެރެއިން ވާހަކަ ދެއްކި ޒުވާނުން ބުނެފައިވާ ގޮތުގައި ދުނިޔޭގެ އެހެން ތަންތާގައިވެސް ތަންތަނަށް ނަންދިނުމުގައި އެތަނެއް ނިސްބަތްވާ ސިޓީއެއް ނުވަތަ އަވަށެއްގެ ނަމުން ނަންދީފައި އެބަހުއްޓެވެ.

އެހެންކަމުން “ހޯދަޑު ފުޓުބޯޅަ ދަނޑު” ކިއުން ރަނގަޅު ކަމަށް ބުނެފައެވެ.

މި ބަހުސްތަކުގައި ކޮމެންޓްކުރި ބައެއް ފަރާތްތަކުން ވަނީ ގަބީލާ ވިސްނުން ދޫކޮށްލަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން އަވަށު ވިސްނުން ދޫކޮށް މުޅި ރަށުގެ ވިސްނުމުން ވިސްނުން ގެންގުޅެން ޖެހޭ ކަމަށެވެ.

ކޮންމެއަކަސް މިއީ ފުވައްމުލަކުގައި މި ފެންވަރަށް ހެދި ފުރަތަމަ ފުޓުބޯޅަ ދަނޑެވެ. ދަނޑު ހޯދަޑު އަވަށުގައި އޮތް ނަމަވެސް މި ދަނޑަކީ ފުވައްމުލަކުގެ އެންމެހައި ރައްޔިތުންގެ ހިއްސާވެސް އޮންނާނެ ދަނޑެކެވެ.

އެހެންނަމަވެސް ގަބޫލުކުރަންޖެހޭ އެހެން ހަގީގަތެއްވެސް އެބައޮތެވެ. އެއީ މި ދަނޑަކީ ޒަމާނުއްސުރެ ހޯދަޑު އަވަށުގެ ޒުވާނުން ފުޓުބޯޅަ ކުޅެމުން އައިސްފައިވާ ދަނޑުކަމެވެ.

އެހެންކަމުން މި ދަނޑަށް ނަމެއްދިނުމުގައި އެކަމަށް ރިޢާޔަތް ކުރުމަކީވެސް މުހިންމު ކަމެއް ކަމެކެވެ.