އެތްލެޓިކްސްއިން ރާއްޖެއަށް ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ މެޑެއްޔެއް 2010 ވަނަ އަހަރު ލިބުން ވެފައިވަނީ ފުވައްމުލަކަށް ލިބުނު ޚާއްސަ ކާމިޔާބީއެއްގެ ގޮތުގައެވެ. އެއީ ރާއްޖެއަށް ރިލޭއިން ބްރޯންޒް މެޑެލް ހޯދި އެތްލީޓުންގެ ތެރޭގައި ފުވައްމުލަކުގެ ހުނަރުވެރި އެތްލީޓަކު ހިމެނުމުންނެވެ.

ފުވައްމުލައް ސިޓީ ހޯދަޑު، ނިޔަދުރުމާގެ އަލީ ޝަރީފް ނުވަތަ ދުވާ އައްޔަ އެތުލެޓިކްސްގައި ފާހަގަ ކުރެވެންފެށީ ސިފައިންގޭގައި މަސައްކަތް ކުރިއިރު އެތަނުގެ އިންޓާރޔުނިޓް މުބާރާތްތަކުގައި ބައިވެރިވެ ހޯދަމުންދިޔަ ރަންވަނަ ތަކުގެ ސަބަބުންނެވެ.

އެތްލެޓިކްސްގެ އެކިއެކި މުބާރާތްތަކުން ފަންސާހަށްވުރެ ގިނަ ރަންމެޑެލް ހޯދާފައިވާ އައްޔައަކީ ކުޅިވަރުގެ ދާއިރާއިން ޒުވާނުން ތަމްރީނު ކުރަމުން އަންނަ ކާމިޔާބު ކޯޗެކެވެ. އެގޮތުން އައްޑޫ ސިޓީ މުހިއްބުއްދީން ސްކޫލްގެ ސްޕޯޓްސް ސްޕަވައިޒަރެއްގެ ގޮތުގައި ހަތަރު އަހަރު މަސައްކަތްކޮށް ކާމިޔާބު އެތުލީޓުން ތަކެއްވަނީ ތަމްރީނު ކޮށްފައެވެ.

އައްޔަގެ އުފަން ރަށް ކަމަށްވާ ފުވައްމުލަކުގެ ކުޅިވަރުގެ ކުރިމަގާއިމެދު އޭނަ ދެކެމުން އަންނަ ހުވަފެންތައް ވަރަށް ފޮންޏެވެ. އެތްލެޓިކްސް އިން އެކަންޏެއްނޫނެވެ. ފުޓުބޯޅަ އާއި ބާސްކެޓުބޯޅައިގެ އިތުރުން ސާރފިން ކުރިއެރުވުމަށްވެސް ބޮޑެތި މަސައްކައްތަކެއް އޭނާ ވަނީ ފަށާފައެވެ. އެގޮތުން މިރަށުގައި ހަދަމުން އަންނަ ޓާފު ފުޓްބޯޅަ ދަނޑުގެ މަސައްކަތް ކޯޑިނޭޓުކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އެއްބޭފުޅެއްގެ ގޮތުގައި އައްޔަ ފާހަގަ ކުރެވެއެވެ. މީގެއިތުރުން ކޯޓުތައް ހަލާކުވުމުގެ ސަބަބުން ކުޅުންހުއްޓިފައިވާ ބާސްކެޓް ދިރުވާ އާލާކުރުމުގެ ގޮތުން، މިހާރު ހުރި ބާސްކެޓް ކޯޓުތައް މަރާމާތުކުރުމުގެ މަސައްކަތާއި ރާޅާއަޅާ ކުދިންނަށް އެކިއެކި ގޮތްގޮތުން އައްޔަ ފޯރުކޮށްދޭ އެހީތައް ފާހަގަކޮށްލެވެއެވެ.

މީގެއިތުރުން ފާއިތުވި ދުވަސްތަކުގައި އަމިއްލަ ފަރާތްތަކުން އިންތިޒާމް ކުރި ތަފާތު ކުޅިވަރު މުބާރާތްތައް ބޭއްވުމައް ސަރުކާރުން ހޯދަން ބޭނުންވި ހުރިހާއެހީތެރި ކަމެއްވެސް ހޯދައިދިނުމަށް އައްޔަ ވަނީ އެހީތެރިވެދީފައެވެ.

އައްޔަ ފާހަގަކުރެވެނީ ކުޅުންތެރިންނަށް އިރުޝާދު ދިނުމުގައި ދެގޮތެއްނުވެ ހުންނަވާ އެހީތެރިއެއްގެ ގޮތުގައެވެ. އޭނާ ވަނީ އިންޓަރ ސުކޫލް އެތްލެޓިކްސް މުބާރާތްތަކުގައި ބައިވެރިވާ ފުވައްމުލަކުގެ ސްކޫލްތަކުގެ އެތުލީޓުން ތަމްރީނު ކުރުމުގައިވެސް އިސްދައުރެއް އަދާކޮށްފައެވެ.

ޔޫތު އެސޯސިއޭޓްގެ ހައިސިއްޔަތުން ޒުވާނުންނާއި ކުޅިވަރު ކުރިއެރުވުމަށް އައްޔަ ދެކޭ ހުވަފެންތަކުގެ ތެރޭގައި ސިންތެޓިކް ޓްރެކެއް މިރަށުގައި އެޅިގެންދާނެ ދުވަހެއް ފާހަގަ ކޮށްލަންޖެހެއެވެ. އައްޔައަކީ ކުޅިވަރާ ބެހޭ ފޯރަމްތަކުގައި އިލްމީގޮތުން ބަހުސްކުރައްވާ ވިސްނުންތެރިކަމާއި ރޭވުންތެރިކަމާއެކު ޒުވާނުންނާއި ކުރިވަރު ކުރިއެރުވުމުގައި ކުޅަދާނަ ލީޑަރެކެވެ. އައްޔަ ޤަބޫލްކުރާ ގޮތުގައި ކުޅިވަރުވެސް ކުރިއަރައިދަނީ ހަރުދަނާ ސިޔާސަތެއް ޤާއިމުވެފައި އޮވެގެންނެވެ. އަދި ކުޅިވަރު ކުރިއަރުވައި ތަރައްގީކުރުމަށް މިސިޓީގެ މަޖިލިސް މެންބަރުންގެ ފަރާތުން ލިބޭ އެއްބާރުލުން އައްޔަ ފާހަގަކުރެއެވެ.

އައްޔަ ގަބޫލު ކުރާ ގޮތުގައި މިހާރު މިއޮތް ހާލަތުން ރަށުގެ ކުޅިވަރު އިތުރަށް ކުރިއަށް ގެންދިއުމަށްޓަކައި ގައުމީ ފެންވަރުގައިވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހެއެވެ.

ފުވައްމުލަކަށް ނިސްބަތްވާ ގިނަ ކުޅުންތެރިންތަކެއް ގައުމީ ޓީމުތަކުން ފެނިގެންދިޔުމަކީ އައްޔަ ދެކެންބޭނުންވާ ދުވަހެކެވެ.

އެތްލެޓިކްސްއިން ރާއްޖެ ހޯދި ބައިނަލްއަގުވާމީ ފުރަތަމަ މެޑަލްގައި ފުވައްމުލަކުގެ ދަރިއެއްގެ ހިއްސާ ބޮޑު ފަދައިން ރާއްޖެއަށް ގިނަ ރަން މެޑަލްތަކެއް ހޯދުމުގައި ފުވައްމުލަކުގެ ގިނަ އެތްލީޓުންގެ ހިއްސާ ލިބޭނެ ދުވަހަކަށް އަލީ ހުރީ އިންތިޒާރު ކޮށްގެންނެވެ.