މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމްގެ އާ ކައިވެންޏަށް ތަފާތު ގޮތަކަށް ޒުވާނަކު މަރުހަބާ ކިޔައިފިއެވެ.

މާމިގިލީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވަމުން އަންނަ ޤާސިމް އިބްރާހީމް އަނެއްކާވެސް ޒުވާން އަންހެނަކާ ކައިވެނި ބައްލަވައިގެންނެވުމުން އެކަމަށް މަރުޙަބާ ކިޔައި އަލީ ނަސްރު ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ޤާސިމް އިބްރާހީމްގެ އާ ކައިވެންޏަށް މަރުހަބާ ކިޔާ ކަމަށެވެ. އަދި ކައިވެނީގެ ހަދިޔާއެއްގެ ގޮތުގައި އޭނާއަށް ޤާސިމް ދަރާފައިވާ 9486 ރުފިޔާ މާފުކޮށްފައިވާ ކަމަށެވެ.

ފުވައްމުލަކު ޓައިމްސްއާ ވާހަކަ ދައްކަމުން އަލީ ނަސްރު ބުނީ އެފައިސާއަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޤާސިމް އިބްރާހިމަށް ކެމްޕެއިން ކޮށްދިނުމަށް ހުޅުމާލޭގައި ހިންގި އޮފީހުގެ އެކިއެކި ޚަރަދުތަކަށް ލިބެންޖެހޭ ފައިސާ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ޒުވާން އަންހެން ކުއްޖަކާ ސަން އައިލެންޑް ރިސޯޓުގައި ކައިވެނި ބައްލަވައިގެންފައި މިވަނީ އޭނާގެ އެހެން އަތްބެއް ކަމަށްވާ މިހާރުގެ ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވަރިކުރެއްވުމަށް ފަހުގައި ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އެހެން ނަމަވެސް ޤާސިމް އިބްރާހީމް ނަހުލާ ވަރި ނުކުރައްވާކަން ފުވައްމުލަކު ޓައިމްސްއަށް ވަނީ އެނގިފައެވެ.

21 އަހަރުގެ އަންހެނަކާ ޤާސިމް ކައިވެނި ބައްލަވައިގަތުމުން ސޯޝަލްމީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ތަފާތު ވާހަކަތައް އަންނަނީ ދައުރުވަމުންނެވެ.