ފުވައްމުލަކު ސިޓީ ކައުންސިލާއި ހުވަދު އަތޮޅުގެ ބައެއް ކައުންސިލްތައް އެކުވެގެން ގައިމުކޮށްފައިވާ ސިސްޓަރ އައިލެންޑް ކޮންސެޕުޓު ޕާޓްނަރޝިޕް ގެ ހެޔޮ އަސަރު މިހާރުވެސް ކުރަން ފަށައިފިކަމަށް ބެލެވެން ފަށައިފިއެވެ.

އެގޮތުން 23ސެޕްޓެންބަރ2020 ވަނަ ދުވަހު ހުވަދު އަތޮޅުން 100އަށްވުރެގިނަމީހުން ވަނީ ފުވައްމުލަކައް އައިސްފައެވެ.

މިހާގިނަމީހުން އެއްފަހަރާ މިރަށަށް އައިސްފައިވަނީ ގިނަ ދާއިރާތަކަކުން ގިނަގުނަ ހިދުމަތްތަކެއް ހޯދުމަށްކަމަށް މައުލޫމާތުލިބިފައިވެއެވެ، އޭގެތެރެއިން ގިނަމީހުންނަކީ ސިސްޓަރ ކޮންސެޕްޓު ޕާޓުނަރޝިޕްގައި އެއްބަސްވެފައިވާ 8 ދާއިރާއިން ހިދުމަތް ހޯދަން އައިސްގެން އުޅޭފަރާތްތައް ކަމަށް ވެއެވެ.

ފޮޓޯ: ހުވަދު އަތޮޅު ގެމަނަފުށިން ބަޔަކު ފުވައްމުލަކަށް ބޭސްފަރުވާއަށް އައިސް ފަރުވާ ނިންމުމަށްފަހު އަނބުރާ ރަށަށް ދިއުމަށް ފުރަންގޮސް ފުވައްމުލަކު ބަނދަރު ސަރަޙައްދުގައި

ޚާއްސަގޮތެއްގައި ޞިއްޙީ ޚިދުމަތް ހޯދުމަށް އައިސްގެން އުޅޭމީހުންކަން ވަނީ ފާހަގަކުރެވިފައެވެ. މިކަމާއި ގުޅިގެން ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރ އަހުމަދު ސައީދު ވިދާޅުވެފައިވަނީ” ޞިއްޙީ ހިދުމަތް ހޯދުމަށް ހުވަދު އަތޮޅުން ވަޑައިގެންނެވި ބޭފުޅުންނަށް މަރުހަބާ ކިޔާކަމަށާއި، އެހޮސްޕިޓަލުން އެބޭފުޅުންނަށް ބޭނުންވާ ހިދުމަތް ރަނގަޅު ފެންވަރެއްގައި ދިނުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަށެވެ. އެގޮތުން ވައިބަރ މެދުވެރިކޮށް މެސެޖްކުރައްވައިގެން ވެސް ޑަކުޓަރަށް ދެއްކުމަށް އެޕޮއިންޓްމެންޓް ހެދޭނެގޮތް މިހާރުވެސް ހަމަޖެހިފައިވާކަމަށާއި އަދި  މީގެ އިތުރުން އިލެކްޓްރޯނިކް ވަސީލަތްތަކެއް ބޭނުންކޮށްގެން މިއައްވުރެވެސް ރަނގަޅު ފެންވަރަކަށް ހިދުމައް ދިނުމުގެ މަޝްވަރާތައް ކަމާއިބެހޭފަރާތްތަކާއި ކުރެވެމުން އަންނަ ކަމަށް ވެސް އަހުމަދު ސައީދު ވަނީ ވިދާޅުވެފައެވެ.”

ހުވަދު އަތޮޅުން ފުވައްމުލަކަށް ތަފާތު ޒަރޫރީ ބޭނުން ތަކުގައި އަންނަ ފަރާތްތަކުން ދަނީ ފުވައްމުލަކުގެ ގެސްޓް ހައުސްތަކުގައި ނިދާ އަދި ފިހާރަތަކުން ގިނަ އަދަދެއްގެ ވިޔަފާރިކޮށް ސައިހޮޓާ ރެސްޓޯރަންޓް ފަދަ ތަންތަނުގެ ޚިދުމަށް ހޯދައިގެން ކަން ވަނީ ފާހަޤަ ކުރެވިފައެވެ.

ފުވައްމުލަކުސިޓީ ކައުންސިލާއި ހުވަދު އަތޮޅުގެ ކައުންސިލްތައް ގުޅިގެން އުފައްދާފައިވާ ސިސްޓަރ އައިލެންޑް ކޮންސެޕްޓްގެ އަމާޒަކީ ފުވައްމުލަކުސިޓީ އާއި ހުވަދު އަތޮޅާއި ދެމެދުގައި އިތުރުގާތް ގުޅުންތަކެއް ބަދަހިވެ އެއްރަށުން އަނެއްރަށަށް ދަތުރުކޮށް އިޖުތިމާޢީ ގޮތުން ގުޅުންބަދަހިވެގެން ދިއުމެވެ. މިކަމުގެ ސަބަބުން މުޖުތަމައަށް ލިބިގެންދާ ފައިދާ އާއި ކުރިއެރުން ހޯދައިދިނުމުގައި ކައުންސިލްތަކުން ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުން ކަން ފާހަޤަކޮށްލަން ޖެހެއެވެ.