މި މަހުގެ ކުރީކޮޅު އަވަހާރަވި މަރުޙޫމް ހުސައިން މުހައްމަދުގެ ހަނދާނުގައި ޖުމްހޫރީ ޕާޓީން ބޭއްވި ތައުބީންގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަރުހޫމް ހުސެއިން މުހައްމަދާއި އެންމެ ފުރަތަމަ ބައްދަލުވީ ޏ. ފުވައްމުލަކުން 2003 ވަނަ އަހަރު ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅު ވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ މަތިވެރި ދާއިރާގެ ކުރީގެ މެމްބަރު މަރުހޫމް ހުސެއިން މުހައްމަދަކީ އެކި ކަންކަމުގައި ހެޔޮ ލަފާ އާއި އިރުޝާދު ދެއްވި ބޭފުޅެކެވެ. އަދި އޭރުއްސުރެ، ހުސެއިނަކީ ވަރަށް ހިތްހެޔޮ މިޒާޖެއްގެ ބޭފުޅެއް ކަމަށާއި އޭނާގެ ފަރާތުން ހިތްހަމަނުޖެހޭ އެއްވެސް ކަމެއް ފެނިފައި ނުވާ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

މަރުހޫމް ހުސެއިން މުހައްމަދާ އެކުގައި މަސައްކަތް ކުރެއްވުމުގެ ފުރުސަތު 2004 ވަނަ އަހަރު ހާއްސަ މަޖިލިހާއި ނިމިގެންދިޔަ މަޖިލިހުގެ ދައުރުގައި ލިބިވަޑައިގެންނެވިކަން ނައިބު ރައީސް ފައިސަލް ފާހަގަ ކުރެއްވި އެވެ.

ނައިބު ރައީސް ވިދާޅުވީ އެމަނިކުފާނަށް އަބަދުވެސް މަރުހޫމް ހުސެއިން މުހައްމަދު ފާހަގަ ކުރެވިފައި ވަނީ ކަންތައްތަކަށް އިރުޝާދު ދެއްވާ ބޭފުޅެއްގެ ގޮތުގައި ކަމަށެވެ. އެއީ އަބަދުވެސް ކަންތައްތައް ރަނގަޅު މަގުން ކުރުމަށް ވަރަށް ބޮޑަށް ހެޔޮ ލަފާ ދެއްވި ބޭފުޅެއް ކަމަށެވެ.

“އަޅުގަނޑަށް ނިމިގެން ދިޔަ ދައުރުގައި މަސައްކަތް ކުރުމުގައި އެންމެ ގާތްކޮށް މަޝްވަރާކޮށް ވާހަކަ ދެކެވުނު އެއް ބޭފުޅަކަށް ވާނީ މަރުހޫމް ހުސެއިން މުހައްމަދު،” އޮންލައިންކޮށް ކުރިއަށް ދިޔަ ޖަލްސާގައި ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވި ގޮތުގައި މަރުހޫމް ހުސެއިން މުހައްމަދުގެ ފާހަގަ ކުރެއްވޭ ސިފައަކީ ހިނިތުންވުމާ އެއްވެސް މީހަކާ ދޭތެރޭގައި ހިތް ބުރަ ކަމެއް ނޯންނަ ކަމެވެ. މީޑިއާގެ ދާއިރާގައި މަރުހޫމް ހުސެއިން މުހައްމަދު ކުރައްވާފައި ވަނީ އަގު ނުކުރެވޭ ހިދުމަތްތަކެއް ކަމަށް ވިދާޅުވިއެވެ. އަދި އޭނާ ނެތި ދިއުމަކީ ލިބޭނެ ފޫނުބެއްދޭ ވަރުގެ ކަމެއް ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

“ފަހަކަށް އައިސް އަޅުގަނޑު ފާހަގަކޮށްލަން ބޭނުން ވަނީ ވަރަށް ގިނަ އިން ގުޅުއްވައި ވަރަށް ހެޔޮ ނަސޭހަތް ދެއްވައި، ކަންތައްތަކަށް ހިތްވަރު ދެއްވައި، އަޅުގަނޑަށް ހަމަ ބައްޕައެއް ފަދަ ގޮތަކަށް ހުސެއިން މުހައްމަދާ ދޭތެރޭގައި ދެކެވޭހާ ގާތުން އަޅުގަނޑާ އެއްކޮށް މަސައްކަތް ކުރެއްވި،” ނައިބު ރައީސް ވިދާޅުވި އެވެ.

އއ. ފެރިދު އަށް އުފަން އުމުރުން 71 އަހަރުގެ މަރުހޫމް ހުސެއިން މުހައްމަދު ވަނީ ޓީވީއެމްގެ އެންމެ އިސްވެރިޔާގެ މަގާމު ނުވަތަ ޑިރެކްޓަރު ޖެނެރަލްގެ މަގާމުގެ އިތުރުން އާފަތިސް ނޫހުގައި ގިނަ ދުވަސްތަކެއްވަންދެން މަސައްކަތްކުރައްވައިފަ އެވެ.

ހުސެއިން މުހައްމަދަކީ ބޭރު ޚަބަރުތައް ދިރާސާކުރައްވައި ތަރުޖަމާކުރެއްވި މޮޅު ލިޔުންތެރިއެކެވެ. އެގޮތުން ދިވެހިރާއްޖޭގެ އަޑުގެ ބޭރު ޚަބަރުތައް ލިޔުއްވުމުގެ މަސައްކަތް 1980ގެ އަހަރުތަކުން ފެށިގެން 2000ގެ އަހަރުތަކާ ހަމަޔަށް ކުރެއްވި އެވެ. އަދި އާފަތިސް ނޫހުގައި ވެސް ބޭރު ޚަބަރު ލިޔުއްވުމުގެ މަސައްކަތް އެ ދުވަސްވަރު ކުރެއްވި އެވެ.

ހުސެއިން މުހައްމަދު ވަނީ ކުރީގެ އެޑިއުކޭޝަނަލް ޑިވެލޮޕްމަންޓް ސެންޓަރު (އީޑީސީ) އެކި މަގާމުތަކާއި އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ކަމާއި ޑެޕިއުޓީ މިނިސްޓަރުކަން ވެސް ކުރައްވައިފަ އެވެ.

2005 ވަނަ އަހަރުން ފެށިގެން މަޖިލީހުގެ މެމްބަރުކަން ކުރެއްވި މަރުހޫމް ހުސެއިން މުހައްމަދު ވަނީ ސިޔާސީ ޕާޓީ އުފެދުމުން ޑީއާރުޕީގެ މެމްބަރެއްގެ ގޮތުގައި ހަރަކާތްތެރިވެ ވަޑައިގެންފައެވެ. އެންމެ ފަހުން ހުންނެވީ ވަނީ ޖޭޕީގެ މެމްބަރެއްގެ ގޮތުގަ އެވެ. އޭނާ ވަނީ މިދިޔަ މަޖިލިސް އިންތިހާބުގައި ވެސް ވާދަކުރައްވައިފަ އެވެ.