“ދަރުމަފައުންޑޭޝަން”ގެ ނަމުގައި ޖަމްއިޔާއެއް މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވާމެންޓްގައި ރަޖިސްޓްރީކޮށްފިއެވެ.

ދަރުމަފައުންޑޭޝަން ޖަމްއީޔާ ރަޖިސްޓްރީކުރީ ފުވައްމުލަކު ހޯދަޑު ދަރުމަ މުހައްމަދު އިބްރާހިމް(ނުގާ) އިސްވެ ހުންނަވާގެންނެވެ. މި ފައުންޑޭޝަނުގައި އިސް 4 ބޭފުޅުން ތިއްބަވައެވެ.

ދަރުމަ ފައުންޑޭޝަނުގެ މުއައްސިސުންނަކީ:1- މުހައްމަދު އިބްރާހިމް ފުވައްމުލަކު ހޯދަޑު ދަރުމަ(ނުގާ)

2- އިބްރާހިމް ރަޝީދު ފުވައްމުލަކު ހޯދަޑު އައިސްކުރީމްގެ 3- މުހައްމަދު އިބްރާހިމް ފުވައްމުލަކު ހޯދަޑު ހަރުމަލުގެ 4- އަހުމަދު އަލީ ފުވައްމުލަކު ހޯދަޑު ޖަނބުރޯލުމާގެ އެވެ.

ދަރުމަފައުންޑޭޝަނުގެ މަސްއޫލުވެރިޔާ މުހައްމަދު އިބްރާހިމް (ނުގާ) ފުވައްމުލައްޓައިމް އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ” ދަރުމަ ފައުންޑޭޝަނުގެ މައިގަނޑު މަޤުސަދަކީ ފުވައްމުލަކުގައި ދީނީ އަދި އިޖުތިމާއީ ކަންތައްތަކާއި، ހޭލުންތެރިކަން އިތުރުކުރުން ކަމަށެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ފުވައްމުލަކުގައި ޤުރުއާން ކިޔަވާދޭ ތަންތަނާއި ފައުންޑޭޝަނުގެ ފަރާތުން ބައްދަލުކޮށް ކޮންމެ ކުލާހަކުންވެސް މަހު ފީ ދެއްކުމަށް ދަތިވާ ނިކަމެތި ދަރިވަރުންގެ ތެރެއިން 05 ދަރިވަރަކަށް ފައުންޑޭޝަނުގެ ފަރާތުން މަހު ފީ ދެއްކޭނެ އިންތިޡާމް ހަމަޖައްސަވާނެ ކަމުގައެވެ. މިކަން ކުރުމުގައި ކިޔަވާދެއްވާ ތަންތަނުގެ ލަފާހޯދާ އެތަންތަނުގެ ލަފާ މަތިން ދަރިވަރުން ސެލެކުޓް ކުރެވޭނެކަމަށްވެސް މުހައްމަދު އިބްރާހިމް( ނުގާ) ވިދާޅުވިއެވެ.

އަދި މީގެ އިތުރުން ފުވައްމުލަކު ރައްޔިތުންގެ ދުޅަހެޔޮކަމާއި ރަންގަޅު ސިއްޙަތެއްގައި ބޭތިއްބުމުގެ ގޮތުން ފުވައްމުލަކުގައި އައުޓްޑޯ ޖިމެއް ހެދުމުގެ މަސައްކަތް ކުރުމަށް ބިމެއް ހޯދުމަށް ސިޓީ ކައުންސިލްގައި އެދިފައިވާނެ ކަމަށްވެސް މުހައްމަދު އިބްރާހިމް ވިދާޅުވިއެވެ.

މީގެ އިތުރުން ކޮންމެ މަހަކު އެއްފަހަރު ފުވައްމުލަކުގެ ސްކޫލްތަކާއި ގުޅިގެން އުމުރުން 12 އަހަރާއި 18އަހަރާއި ދެމެދުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމް ހިންގުމަށްވެސް ފައުންޑޭޝަނުން ނިންމާފައިވާ ކަމަށްވެސް މުހައްމަދު އިބްރާހިމް ވިދާޅުވިއެވެ.

މުހައްމަދު އިބްރާހީމަކީ ފުޅާ ދާއިރާއެއްގައި ކޮންސްޓްރަކުޝަން މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އަދި މިހާރުވެސް ރަށުގެ އިޖުތިމާއީ އަދި ދީނީ ކަންތައްތަކަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތެކެވެ. އެގޮތުން މިހާރުވެސް އިމާމުކަން ކިޔަވާ ބައެއްދަރިވަރުން މާލެ ގެންގޮސް އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭކަން ވަނީ ފާހަޤަ ކުރެވިފައެވެ.