ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ އިންތިގާލީ ކައުންސިލަށް ފުވައްމުލަކު ދެ ބޭފުޅަކު އައްޔަންކޮށްފިއެވެ.

ކައުންސިލަށް އައްޔަންކުރި ދެ ބޭފުޅުންނަކީ: ފުވައްމުލަކު މާލެގަން ހުނުބޮލި ހަސަން މުހަޢްމަދާއި، ފުވައްމުލަކު ދޫނޑިގަން ވަސީމީގެ މާލިކް މުހަޢްމަދެވެ.

މި ދެބޭފުޅުން ކައުންސިލަށް އައްޔަންކުރީ އެކައުންޓަންސީ ޕްރޮފެޝަންގެ ތެރެއިން ޕްރައިވެޓް ސެކްޓާގައި މަސައްކަތްކުރާ މީހުންގެ ތެރެއިންނެވެ. މި ދާއިރާއިން 4 ބޭފުޅަކު ވަނީ އައްޔަންކޮށްފައެވެ. ހަސަން މުހަޢްމަދު އަދި މާލިކް މުހަޢްމަދުގެ އިތުރުން ފަރީހާ ޝަރީފާއި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވަނީ އައްޔަންކޮށްފައެވެ.

އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ އިންތިގާލީ ކައުންސިލަށް އިތުރު މެންބަރުންވެސް ވަނީ އައްޔަންކޮށްފައެވެ.

އިންތިގާލީ ކައުންސިލުގައި ހިމެނޭނީ އޮޑިޓާ ޖެނެރަލާއި، ދައުލަތުގެ ފައިނޭންޝަލް ކޮންޓްރޯލާ، ކޮމިޝަނާ އޮފް ޓެކްސޭޝަން، އަދި އޮޑިޓަ ޖެނެރަލްގެ އޮފީހުން އޮޑިޓަ ޖެނެރަލް އައްޔަންކުރާ ދެ މެމްބަރުންނާއި، އެކައުންޓަންސީ ޕްރޮފެޝަންގެ ތެރެއިން ޕްރައިވެޓް ސެކްޓާގައި
މަސައްކަތްކުރާ މީހުންގެ ތެރެއިން އޮޑިޓަ ޖެނެރަލް އައްޔަންކުރާ ހަތަރު މެމްބަރުންނެވެ.

ޗާޓަޑް އެކައުންޓެންޓުންގެ އިންސްޓިޓިއުޓްގެ ކަންކަން ރާވައި ހިންގާނީ
ކައުންސިލުންނެވެ.

ގާނޫނުގައި ބުނާގޮތުން، ގާނޫނު ގެޒެޓުގައި ޝާއިއުކުރާ ތާރީޚުން ފެށިގެން ހިނގާ ފުރަތަމަ ހަތަރު އަހަރު ދުވަހުގެ މުއްދަތުގައި، އިންސްޓިޓިއުޓް ހިންގަމުން ގެންދާނީ އިންތިގަލީ ކައުންސިލަކުންނެވެ.
ގާނޫނުގައި ބުނާގޮތުން، އިންތިގާލީ ކައުންސިލްގެ ރައީސަކަށް ވާނީ އޮޑިޓަ ޖެނެރަލް އެވެ. ނައިބު ރައީސް ހޮވާނީ އިންތިގާލީ ކައުންސިލްގެ މެމްބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

އޮޑިޓަ ޖެނެރަލްގެ އޮފީހުން ކައުންސިލަށް އައްޔަންކުރީ، އެސިސްޓަންޓް އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ އާއި އެސްއޯއީ އަދި އެސްބީ އޮޑިޓް ޑިޕާޓްމަންޓުގެ ޑިރެކްޓަރު، އިބްރާހިމް ފަޒީލް އެވެ.

ޗާޓަޑް އެކައުންޓެންޓުންގެ އިންސްޓިޓިއުޓް އަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ އަމިއްލަ ނަމުގައި މުއާމަލާތްކުރުމުގެ ހައިސިއްޔަތު ލިބިފައިވާ، ވަކި ސިއްކައެއް އޮންނަ ގާނޫނީ ގޮތުން އަމިއްލަ، މިނިވަން، މުސްތަގިއްލު ޝަހްސެކެވެ.

އެ އިންސްޓިޓިއުޓްގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ޗާޓަޑް އެކައުންޓެންސީ ފަންނު ރެގިއުލޭޓްކޮށް ކުރިއެރުވުމާއި، އިންސްޓިޓިއުޓްގެ މެމްބަރުންނަށް ބޭނުންވާ ތައުލީމާއި ތަމްރީނާއި އެކަމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް މަގުފަހިކުރުމާއި، އެކައުންޓެންސީ ދާއިރާގައި ޕްރައިވެޓް އަދި ޕަބްލިކް ސެކްޓާގައި މަސައްކަތް ކުރާ ފަރާތްތަކަކީ، އެކައުންޓެންސީގެ ދާއިރާއިން ފަންނީ ތައުލީމާއި ތަމްރީނު ލިބިފައިވާ ފަރާތްތަކެއް ކަމުގައި ހެދުމަށް މަސައްކަތް ކުރުމެވެ.

ގާނޫނަށް އަމަލުކުރަން ފެށުމާއެކު ރާއްޖޭގައި އޮޑިޓުކުރުމާއި އެޝޫރެންސްގެ ހިދުމަތްދިނުމުގެ މަސައްކަތްކުރާ އެންމެހައި ފަރާތްތަކަށް ހުއްދަ ދިނުމާއި، ގިންތިކުރުމާއި، މެންބަރުން ރަޖިސްޓަރީކުރުމުގެ އެންމެހައި ކަންކަންކުރުމުގެ ބާރު އެ އިދާރާއަށް ވަނީ ލިބިފައެވެ.

އަދި، ރާއްޖޭގައި ގާނޫނީ އޮޑިޓުކުރުމާއި އެޝޫރެންސްގެ ހިދުމަތް ދިނުމަށް ހުއްދަ ދޫކުރުމާއި، ގިންތިކުރުމުގައި ދައުލަތުގެ މުއައްސަސާތަކުން ކުރަމުން އައި މަސައްކަތް އިންސްޓިޓިއުޓަށް ބަދަލުވާނެއެވެ.