ރާޢްޖޭގެ މަޝްހޫރު އަމިއްލަ ވިޔަފާރިއެއް ކަމަށްވާ “ލޮޓަސް ފިހާރަ”އިން ރާއްޖޭގެ ހުރިހާ ސްކޫލް ދަރިވަރުންނަށް ހަދިޔާ ކުރާ ސެނިޓައިޒަރ ގެ ތެރެއިން ފުވައްމުލަކު ސްކޫލްތަކަށް ހަދިޔާކުރާ ސެނިޓައިޒަރ ފުޅިތައް މިހާރު ވަނީ ފުވައްމުލަކުގެ ނާލު ބޯޓެއް ކަމުގައިވާ “ހަވާސް” ބޯޓަށް ލޯޑު ކުރެވިފައިކަމަށް އެ ތަކެތި ބެހުމަށް ފުވައްމުލަކުން ހަވާލުކުރެވިފައިވާ  ފަރާތް ކަމުގައިވާ “ޔޫތު އެގްޒެކުޓިވް” އަހުމަދު ތަލާލް މުހައްމަދު ވިދާޅުވެއްޖެއެވެ.
އެގޮތުން ތަލާލް ވިދާޅުވީ ފުވައްމުލަކު ސްކޫލްތަކަށް ޖުމްލަ 2058 ފުޅި ބެހުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ތަލާލް އިތުރަށް ވިދާޅުވީ މި ތަކެތި ރަށަށް ލިބުމުން ވީ އެންމެ އަވަހަކަށް ސްކޫލްތަކާއި ފުޅިތައް ހަވާލުކުރުމުގެ މަސައްކަތް ފަށާނެކަމުގައެވެ.
ފުވައްމުލަކު ސްކޫލްތަކަށް ބެހުމަށް ހަމަޖެހިފައިވާ ސެނެޓައިޒަރ ފުޅިތައް މާލެއިން ހަވާލު ވެފަައިވަނީ ކުރީގެ ޕްރޮވިންސް ރައީސް މުހައްމަދު މުސްތަފާއެވެ.
ލޮޓަސް ފިހާރައިގެ ފަރާތުން  މައުލޫމާތު ދިންގޮތުގައި، ރާޢްޖޭގެ ހުރިހާ ސްކޫލެއްގެ ކޮންމެ ދަރިވަރަކަށް އެއް ސެނެޓައިޒަރ ފުޅި ހަދިޔާކުރުމަށް އެ ފިހާރައިން ވަނީ ނިންމާފައެވެ. އެގޮތުން 100އެމްއެލްއާއި، 200އެމްއެލްގެ ސެނެޓައިޒަރފުޅި ބެހުމަށްވަނީ ހަމަޖެހިފައެވެ.