ކޮރޯނާ ( ކޮވިޑް19)އާއި ގުޅިގެން ބަންދުކޮށްފައިވާ ގެސްޓް ހައުސްތައް އޮކްޓޫބަރ15 ވަނަ ދުވަހުން ފެށިގެން އަލުން އޮޕަރޭޝަން ފެއްޓުމަށް ހުއްދަދެއްވާ ގޮތަށް ނިންމަވާފިއެވެ.

އެގޮތަށް ނިންމީ މިރޭ ސިޓީ ކައުންސިލްތައް ހިމެނޭ ގޮތަށް ޓުވަރިޒަމް މިނިސްޓަރ އޮންލައިންކޮށް ބޭއްވި ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ މޭޔަރ ފަލާހު ޝަރީފުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ބައްދަލު ވުމުގައި ފަލާހު ވަނީ ފުވައްމުލަކު ގެސްޓްހައުސް ތައް ހިންގުމަށް ހުރި ބައެއް ދަތިތަކުގެ ވާހަކަވެސް ހިއްސާކޮށްފައެވެ.

ދިވެހިރާއްޖެއަށް ބޮޑު އާމްދަނީއެއް ލިބޭ އަދި ވަކިން ޚާއްސަކޮށް އަތޮޅުތެރޭގެ ރައްޔިތުންނަށް ބޮޑެތި މަންފާތަކެއް ކުރަމުންދާ ގެސްޓް ހައުސްތައް ބަންދުވެފައި ހުރުމަކީ ވަރަށް ގިނަ ބައެއްގެ އާމްދަނީއަށް ހުރަސް އެޅިފައިވާ ކަމެކެވެ. އެހެންނަމަވެސް ގެސްޓް ހައުސްތައް އަލުން ހުޅުވެގެން ދިއުމަކީ ރަށްފުށުގެ އިޤުތިސާދު ރަނގަޅުވެގެން ދާނެކަމެކެވެ.

ފުވައްމުލަކުގައިވެސް ގެސްޓް ހައުސް ވިޔަފާރި ދުވަހެއް ދުވަހަކަށް ދަނީ ފުޅާވަމުންނެވެ. އެކަމުގެ ސަބަބުން ރަށަށް ވަންނަ އާމްދަނީ ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.