ސްރީލަންކާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ރޮހާނާ ބެއްޑާޖު، ނައިބު ރައީސް ފައިޞަލް ނަޞީމްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަޤާމާއި ރޮހާނާ ބެއްޑާޖު ހަވާލުވެ ވަޑައިގަންނަވާފައިވާތީ އެ ކަމަށް އެ މަނިކުފާނަށް މަރުޙަބާ ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި  ނައިބު ރައީސާއި ސްރީލަންކާގެ ސަފީރު ވަނީ ދެ ޤައުމުގެ މެދުގައި ބަދަހިވަމުންދާ ގާތް ގުޅުމަށް އަލިއަޅުއްވައިލައްވާފައެވެ. އެ ގޮތުން، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ގިނަ ދުވަހަށް ދެމިގެންދިއުމުގެ އަސްލަކީ ދިވެހިންނާއި ލަންކާގެ ރައްޔިތުންގެ މެދުގައި އޮންނަ ގާތް ގުޅުންކަން ފާހަގަކުރައްވައި، އެކަމުގެ ހަޤީޤަތަކީ ދެ ޤައުމުގައި ވެސް އެއްގޮތް ސަޤާފަތެއް އޮތުންކަން ފާހަގަކުރެއްވިއެވެ. އަދި، ދޭދޭ ގުޅުންތައް އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވަމުން ދެ ބޭފުޅުން ވަނީ، ތަޢުލީމު، ސަޤާފީ އަދި ޕަރފޯމަންސް އާޓްސްގެ ދާއިރާއިން އިތުރަށް ގުޅުންތައް ހަރުދަނާކުރުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް އިތުރަށް ދެއްކެވި ވާހަކަފުޅުގައި، މިހާރު ކުރިމަތިވެފައިވާ ކޯވިޑް-19 ގެ ހާލަތާއި ގުޅިގެން ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް އެ ޤައުމުގެ ސަރުކާރުން ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަކުރައްވައި، އެ ކަމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ސްރީލަންކާގެ ސަފީރު ވަނީ، މި ހާލަތުން އަވަހަށް އަރައިގަނެވޭނެކަމަށް އުންމީދުކުރައްވާ ކަމަށާއި، ރާއްޖޭގެ އިޤްޠިޞާދާއި ވަކީން ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާ އަލުން ކުރިއެރުމަށް އުންމީދުކުރައްވާކަން ފާހަގަކުރައްވާފައެވެ.މި ބައްދަލުކުރެއްވުން ނިންމަވައިލައްވަމުން ނައިބު ރައީސް ވަނީ ސްރީލަންކާގެ ސަފީރުގެ ދައުރުގައި ދެ ޤައުމުގެ ގުޅުން މިހާރަށްވުރެ ވެސް ހަރުދަނާ ވާނެކަމަށް ޔަޤީންކުރައްވާ ކަމުގައި ވިދާޅުވެފައެވެ. އަދި، ސްރީލަންކާގެ ސަފީރު ވެސް ވަނީ މި ސަރުކާރާއިއެކު މަސައްކަތްކުރައްވަން ބޭނުންފުޅުވާކަން ފާހަގަކުރައްވާފައެވެ.