ފުވައްމުލަކު ސިޓީގެ ހޯމް ކަރަންޓީނުގައި ހުރި 36އަހަަރުގެ އަންހެނަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ކޮމިއުނިކޭޝަން ޔުނިޓުން “ފުވައްްމުލަައް ޓައިމްސް” އަށް ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.

އެމީހާ ޕޮޒިޓިވް ވެފައިވަނީ ހޯމް ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން ހެދި ޓެސްޓުން ކަމަށް ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ކޮމިއުނިކޭޝަން ޔުނިޓުން މައުލޫމާތު ދެއްވައެވެ.

މިކަމާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ފުވައްމުލަކު ސިޓީ ކައުންސިލަކަށް ލިބިފައެއް ނުވެއެވެ.

ފުވައްމުލަކުގައި ފުޓުބޯޅަ މުބާރާތްތަކާއި، ދުވަުމުގެ މުބާރާތްތަކާއި، އަދި މީހުން އެއްވެއުޅުން ވަނީ ބޮއްސުންލާފައެވެ. އެއްވެސް ވަރަކަށް ގައިދުރުކަން ބެހެއްޓުމަކަށް ފަހަކަށް އައިސް ގިނަބަޔަކު ސަމާލުކަމެއް ނުދެއެވެ.

ހޯމް ކަރަންޓީނުގައި 14 ދުވަސް ވަންދެން ތިބެންޖެހޭއިރު، ކަރަންޓީނުން ދޫކޮށްލަނީ އެ މުއްދަތު ހަމަވުމުން ހަދާ ޓެސްޓުން އެ ބައްޔަށް އެމީހާ ނެގެޓިވް ވުމުންނެވެ.

މީގެކުރިން ވެސް ބައެއް ރަށްތަކުގައި ހޯމް ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން ހެދި ޓެސްޓުން ބައެއް މީހުން މި ބައްޔަށް ޕޮޒިޓިވް ވެފައިވެއެވެ.

މީގެއިތުރުން މި ބަލިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން މީހުން ދިިރިއުޅޭ ހުރިހާ ރަށެއްގައި ވެސް މާސްކު އެޅުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.