އަދާލަތު ޕާޓީއަށް އެމަނިކުފާނު ފުރައިދިން ފޯމު މަދެއް ނުވާނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ޝިދާތާ ޝަރީފަށް ރައްދު ދެއްވައިފިއެވެ.

ނަޝީދު، ޝިދާތާ އަށް ރައްދު ދެއްވާފައިމިވަނީ އަދާލަތު ޕާޓީއަށް އަމާޒުކޮށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ފާޑުކިޔުމާ ގުޅިގެން އެކަމަށް ޝިދާތާ ރައްދު ދެއްވުމާ ގުޅިގެންނެވެ.

އެގޮތުން ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަދާލާތު ޕާޓީއަކީ އެމްޑީޕީގެ ކޯލިޝަން ޕާޓީއެއްގެ ގޮތުގައި ދެކޭނަމަ އެމްޑީޕީގެ ޗެއާޕަސަން ކަންކަމާ އެއްޗެއް ވިދާޅުވުމުން އެ ދެއްކެވި ވާހަކައެއް އަޑުއައްސަވާލެއްވުން މުހިއްމު ކަމަށެވެ.

“އޭޕީ އަށް އަޅުގަނޑު ފުރައިދިން ފޯމު މަދެއް ނުވާނެ، އަދި އޭޕީގެ މުސްތަޝާރަށް މިކަން އެނގިވަޑައިގަންނަވާނެ” ނަޝީދު ވިދާޅުވިއެވެ.

ހަސަން ލަތީފް އަދާލަތު ޕާޓީ އަށް ފާޑު ވިދާޅުވީ ގާނޫނު އަސާސީ އިސްލާހު ކުރުމަށް މިދިޔަ ހޯމަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ހިނގާދިޔަ ކަންތައްތައް އިންސާފުވެރިކަމާއެކީ ބައްލަވާނެ ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ އިމްރާން އަބްދުﷲ ވިދާޅުވުމާ ގުޅިގެންނެވެ.

އެގޮތުން ހަސަން ވަނީ ރައްޔިތުންގެ ކުޑަ ވެސް ތާއީދެއް އެއްވެސް ދާއިރާއަކުން އިމްރާން ނިސްބަތްވެ ވަޑައިގަންނަވާ އަދާލަތު ޕާޓީ އަށް ލިބި މަޖިލީހުގެ އެންމެ ގޮނޑިއެއް ވެސް ކާމިޔާބު ކުރެވިފައި ނުވާ ކަމަށެވެ. އަދި އެކަން އެގޮތަށް އޮއްވައި މަޖިލީހުގެ ނިޒާމަށް ހުރަސް އަޅައި މަޖިލީހުގެ އިންތިޒާމުތަކުގެ ތެރެއަށް އަރައިގަތުމުގެ ވިސްނުން މިނިސްޓަރު ހުރެގެން ނުވާނެ ކަމަށް ހަސަން ވިދާޅުވިއެވެ.