ރައްޔިތުންގެ މަޖިލިހުގެ ނިޒާމަށް ހުރަސް އެޅުމުގެ ވިސްނުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ގެ ހުރެގެން ނުވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެއެވެ.

ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލިހުން އެންމެ ފަހުން ބޭއްވި ޖަލްސާގައި މެމްބަރުންގެ މެދުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައި ބައެއް މެމްބަރުންނަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިވަޑައިގެންފައެވެ. އޭގެ ތެރޭގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސަ ހިމެނިވަޑައިގަންނަވައެވެ.

ޕީއެސްއެމް ނިއުސްގެ “ރާއްޖެ މިއަދު” ޕްރޮގްރާމްގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭ ވިދާޅުވީ މަޖިލީހުގެ ޖަލްސާގައި ހިނގާދިޔަ ހަމަނުޖެހުންތައް މިނިވަންކަމާއި އިންސާފުވެރިކަމާއެކު ފުލުހުން ތަހުގީގު ކުރާނެ ކަމަށެވެ. އިމްރާން ވިދާޅުވި ގޮތުގައި މަޖިލިހުގައި ހިނގައިދިޔަ ކަންކަން ބަލައި އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އެޅުމަކީ ފުލުހުންގެ ޒިންމާއެކެވެ.

އެކަމަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އެންމެ އިސްކަން ދޭ ކަންކަމުގެ ތެރޭގައި ދައުލަތުގެ މުއައްސަސާތައް މިނިވަންކަމާއިއެކު ހިންގުމުގެ ތެރެއަށް ސަރުކާރުން ނުވަނުން ހިމެނޭ ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ. ސަލާމަތީ އަދި ތަންފީޒީ އިދާރާތަކުގެ މަސައްކަތްތަކުގެ ތެރެއަށް ވަދެ ގާނޫނީ އިމުން ބޭރުވުމަކީ ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.