މިހާރުގެ ހާލަތަށް އެއްވެސް ވަރަކަށް ބެލުމެއް ނެތި މިދިޔަ އަހަރުގެ ލިސްޓަކަށް މިއަހަރުގެ ޒަކާތު ފައިސާ ބެހި މައްސަލަ ބެލުމަށް މަޖިލީހުގެ އިޖުތިމާއީ ކޮމެޓީން ނިންމައިފިއެވެ.

މި މައްސަލައަކީ ރައްޔިތުން މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އިބްރާހީމް ޝިޔާން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ސިޓީއަކުން ބަލައި ދިނުމަށް އެދި ފޮނުވި މައްސަލައެކެވެ. ރައީސް ނަޝީދު މި މައްސަލަ ފޮނުއްވީ އިޖުތިމާއީ ކޮމެޓީއަށެވެ.

އިޖުތިމާއީ ކޮމެޓީގައި މިއަދު ވަނީ ކޮމެޓީގެ ސެކްރެޓޭރިއަޓު އެ ސިޓީ ކޮމެޓީއަށް އިއްވާފައެވެ. އަދި އެ ސިޓީގައި މެންބަރު ޝިޔާން ވަނީ މިދިޔަ އަހަރުގެ ލިސްޓަކަށް ބެލުމަށްފަހު އިސްލާމިކް މިނިސްޓްރީން މިއަހަރުގެ ޒަކާތު ފައިސާ ބެހުމުން ދިރިއުޅުމުގެ ހާލަތު މިހާރު ދަށްވެފައިވާ ގިނަ ބަޔަކަށް އޭގެ ހައްގު ލިބިފައި ނުވާ ކަމަށް ބުނެފައެވެ. އެހެންކަމުން އެ މައްސަލަ ބަލައިދިނުމަށް މެންބަރު ޝިޔާން ވަނީ އެދިވަޑައިގެންފައެވެ.

އިޖުތިމާއީ ކޮމެޓީން އެ މައްސަލާގައި މެންބަރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށް ފަހު ވަނީ މައްސަލާގައި ކަން ހިނގާދިޔަ ގޮތާއި އަދިވެސް އެހެނިހެން ލިޔެކިއޔުންތައް އިސްލާމިކް މިނިސްޓްރީން ހޯދުމަށް ނިންމާފައެވެ. އެގޮތަށް އެ ހުށަހެޅުން ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދެވެ. ޖީހާންގެ އެ ހުށަހެޅުން ފާސްވީ ކޮމެޓީގެ މެންބަރުންގެ އިއްތިފާގުންނެވެ.