އައްޑޫ ސިޓީ ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ކުލީ ބިންތަކުގެ ކުލި ހަ މަސް ދުވަހަކަށް ފަސްކޮށްދޭން ނިންމައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެކިއެކި ފަރާތްތަކަށް ދޫކޮށްފައިވާ ކުލީ ބިންތަކުގެ ތެރެއިން ކުލި ފަސްކޮށްދިނުމަށް އެދި ހުށަހަޅާ ފަރާތްތަކަށް ހަ މަސް ދުވަހަށް ކުލި ފަސްކޮށްދިނުމަށް ކައުންސިލުން ނިންމާފައިވާ ކަމަށެވެ. އަދި މި މުއްދަތުގައި ކުލީ ބިންތަކުގެ އެއްބަސްވުމުގައި އަމަލުކުރުމަށް ކަނޑައެޅިފައިވާ ކަންތައްތައް ފަސްކޮށްދިނުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ އެއްބަސްވުމުގައި ކަނޑައެޅިފައިވާ މާއްދާތަކަށް އަމަލުކުރުން ފަސްކުރުމަށް ވެސް ކައުންސިލުން ނިންމާފައިވާ ކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ.

އެހެންކަމުން އައްޑޫ ސިޓީ ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ކުލީ ބިންތަކުގެ ހަ މަސް ދުވަހުގެ ކުލި ފަސްކޮށްދިނުމަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކާއި، ކުލީ ބިންތަކުގެ އެއްބަސްވުމުގައި ބުނެވިދިޔަ މުއްދަތުގައި އަމަލުކުރުމަށް ކަނޑައެޅިފައިވާ ކަންތައްތައް ފަސްކޮށްދިނުމަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އައްޑޫ ސިޓީ ކައުންސިލުގެ އިދާރާއަށް އަންނަ މަހުގެ 30ގެ ކުރިން މެއިލްގެ ޒަރިއްޔާއިން ހުށަހެޅުމަށް އެ ކައުންސިލުން އެދެއެވެ.

އައްޑޫ ސިޓީ ކައުންސިލުގެ އިދާރާއަށް ހުށަހެޅުންތައް ހުށަހަޅަންވާނީ ސިޓީއަކާއި ކުލީ ބިމުގެ އެއްބަސްވުމުގެ ކޮޕީއަކާއެކު planning@adducity.gov.mv އަށް ކަމަށް އެ ކައުންސިލުން ބުނެއެވެ.