ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ފުވައްމުލަކުގެ ކެފޭ/ރެސްޓޯރަންޓް އަދި ގާޑިޔާތައް ބަންދު ކުރުމަށް ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ، މިއަދުން ފެށިގެން ވަކި ގޮތެއް އަންގަންދެން މިފަދަ ތަންތަނުން ހިދުމަތް ދިނުމަކީ މަނާ ކަމެއް ކަމަށެވެ. އެހެން ނަމަވެސް، ކެފޭ/ރެސްޓޯރަންޓް އަދި ސައިހޮޓާތަކުން ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށް އިއުލާނުގައި ވަނީ ބުނެފަ އެވެ.

ޑެލިވަރީގެ ހިދުމަތް ދޭން ބޭނުންވާ ފަރާތްތަކުން ކައުންސިލްގެ ހޮޓްލައިން ނަންބަރު 1618 ގުޅައިގެން ރަޖިސްޓްރީ ކުރުމަށް ކައުންސިލުން ވަނީ އެދިފަ އެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން މި ގޮތަށް އަންގާފައި ވަނީ، އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ކައުސިލަށް ލިބިފައިވާ ބާރުގެ ދަށުންނެވެ. އެހެންކަމުން، މިކަމަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދިނުމަށް، ފުވައްމުލަކު ސިޓީ ކައުންސިލްގެ މޭޔަރު އަބުދުﷲ ފަލާހް ޝަރީފް ސޮއިކުރައްވައި ނެރުއްވާފައިވާ އިއުލާނުގައި ވަނީ ބުނެފަ އެވެ.

މިއަދު އިރުއޮއްސި 6:00 އިން ފެށިގެން ރާއްޖޭގެ އެއްވެސް ރަށަކުން އަނެއް ރަށަށް ދަތުރު ކުރުން ވަނީ މަނާކޮށްފަ އެވެ. އަދި މީޙުން އެއްވެ އުޅުން ފަދަ ކަންކަން ވެސް ނުކުރުމަށް އެޗްޕީއޭ އިން ވަނީ އަންގާފަ އެވެ. އެއީ ކޮވިޑް-19 އިން ރައްކާތެރި ވުމަށް އެޅި ފިޔަވަޅެކެވެ.