އައްޑޫ ސިޓީ އަށާއި ފުވައްމުލައް ސިޓީއަށް މާދަމާ ކުރުމަށް ހަމަޖެހިފައިވާ ޗަރޓަރ ދަތުރުތަކަކީ ފައިދާއަށްވުރެ ބޮޑަށް އިޖުތިމާއީ ޒިންމާގެ ދަށުން ކުރާ ދަތުރެއް ކަމަށް އޭސް ޓްރެވަލްސްއިން ވިދާޅުވެއްޖެއެވެ.

ފުވައްމުލަކު ޓައިމްސް އަށް މައުލޫމާތު ދެއްވަމުން އޭސް ޓްރެވަލްސްގެ އޮފިޝަލަކު ވިދާޅުވީ މާދަމާ އެކުންފުނިން ފުވައްމުލަކަށާއި އައްޑޫއަށް ކުރާ ޗާޓަރ ދަތުރު ކުރުމުގައި ބަލާފައިވަނީ ވިޔަފާރި އުސޫލަށްވުރެ ބޮޑަށް އިޖުތިމާއީ ޒިންމާއަށް ކަމަށެވެ.

އޭސް ޓްރެވެލްސްއިން މިހެން ވިދާޅުވެފައި މިވަނީ މާދަމާ އަައްޑުއަށާއި ފުވައްމުލަކަށް ކުރާ ދަތުރުގެ މާލެ ފުވައްމުލައް އަދި މާލެ އައްޑޫ ފްލައިޓުގެ ޓިކެޓުގެ އަގު ބޮޑުވުމުން އާންމުންގެ ޝަކުވާ ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

މާދަމާ ފްލައިމީގެ ބޯޓެއް ޗާޓަރ ކޮށްގެން މާލެއިން ފުވައްމުލަކަށް އަދި މާލެއިން އައްޑޫއަށް ކުރާ ދަތުރުގެ ޓިކެޓުގެ އަގަކީ 2100 ރުފިޔާއެވެ. އަދި ފުވައްމުލަކުން މާލެ އަށް ނުވަތަ އައްޑޫއިން މާލެއަށް އައުމަށް ނަގަނީ 555 ރުފިޔާ ކަމަށް އޭސް ޓްރެވެލް އިން ވިދާޅުވިއެވެ.

އައްޑުއަށާއި ފުވައްމުލަކަށް ޝެޑިއުލް ދަތުރުތަށް ކުރަނީ ގައުމީ އެއާލައިން މޯލްޑިވިއަނުންނެވެ. އެހެން ނަމަވެސް ފުވައްމުލަކަށާއި އައްޑުއަށް ދަތުރުކުރުމަށް ގިނަ ބަޔަކު ތިބެ ޓިކެޓުގެ ޑިމާންޑު ބޮޑުވެފައިވާ ދަނޑިވަޅެއްގައި މޯލްޑިވިއަނުން ފުވައްމުލަކަށް ދުވާލަކު ފްލައިޓެއް އަޅާތީ ދަތުރު ކުރަން ބޭނުންވާ ފަރާތްތަކަށް ޓިކެޓު ލިބުމުގައި ބޮޑެތި ދަތިތަކެއް ވަނީ ދިމާވެފައެވެ.

އޭސް ޓްރެވަލްސްއިން ވިދާޅުވި ގޮތުގައި އެކުންފުނިން މާދަމާ އަޅާ ފްލައިޓަކީ ފްލައިޓަކީ ރިސޯޓުތަކުގައި ތިބި އެކުންފުނީގެ ރެގިއުލާ ކަސްޓަމަރުންނަށް ޚާއްސަކޮށްގެން ޗާޓަރ ކޮށްފައިވާ ފްލައިޓެއް ކަމަށެވެ.

“ހަގީގަތުގައި މާދަމާގެ ދަތުރަކީ އަޅުގަނޑުމެންނަށް އެއްވެސް ފައިދާއެއް އޮވެގެން ކުރާ ދަތުރެއް ނޫން. އެހެން ނަމަވެސް ރިސޯޓުތަކުގައި ތިބި އަޅުގަނޑުމެންގެ ކަސްޓަމަރުން އެދޭތީ ކުރާ ދަތުރެއް. އެއްކޮޅަށް ޓިކެޓު ފުލްކޮށް ވިއްކިއަސް އަނެއް ކޮޅަށް ހުސްކޮށް އަންނަން ޖެހުމަކީ ހަގީގަތުގައި ލިބޭނެ ވަރަށް ބޮޑު ގެއްލުމަކަށް ވާނެ” އޭސް ޓްރެވެލްގެ އޮފިޝަލް ވިދާޅުވިއެވެ.

މާދަމާ ފުވައްމުލަކަށް ކުރާ ދަތުރުގެ ޓިކެޓު އަދިވެސް ލިބެން އެބަހުރި ކަމަށާއި އައްޑޫގެ ޓިކެޓު ވިކި ހުސްވެފައިވާ ކަމަށް އޭސް ޓްރެވެލްއިން ވިދާޅުވިއެވެ.

އެހެން ނަމަވެސް އައްޑޫއިންނާއި ފުވައްމުލަކުން މާލެ އައުމަށް ބޭނުންވާ ފަރާތްތަކަށް 555 އަށް ޓިކެޓު އަދިވެސް ލިބެން އެބަހުރި ކަމަށް އޭސް ޓްރެވެލް އިން ވިދާޅުވިއެވެ.