މަންތާ އެއާރގެ ފުލައިޓުން ފުވައްމުލަކަށް ކުރި ދަތުރު ވަރަށް ހިތްގައިމު ކަމަށް އެ ފުލައިޓުން ދަތުރުކުރި ޕެސެންޖަރުން ބުނެފިއެވެ.

ޕެސެންޖަރުން ކިޔާދިންގޮތުގައި ފުލައިޓުގެ އެންމެ ޚާއްސަ ކަމެއްގެ ގޮތުގައި ފާހަގަވި އެއްކަމަކީ ފުލައިޓު ޝެޑިއުލް ކޮށްފައިއޮތް ގަޑީއަށް ފުރުމެވެ. އަދި ކެބިން ކުރޫންގެ އޯގާތެރިކަމަކީވެސް އެހެން ފުލައިޓްތަކާއި ހުރި ތަފާތެއްކަމަށް ޕެސެންޖަރުން ކިޔާދިނެވެ.

މަންތާ އެއާރގެ މި ދަތުރަކީ އެސްޓީ ރެޖީސް ވޮންމުލީގެ ފަރާތުން އެކުންފުނީގެ މުވައްޒަފުން ރަށަށް ފޮނުވުމަށްޓަކައި ޗާޓަރ ކުރި ދަތުރެކެވެ.

މި ދަތުރުގެ ފުރަތަމަ މަންޒިލަކީ ކުޑަހުވަދޫއެވެ. ކުޑަހުވަދޫ އިން އަޢްޑޫ ޖެއްސުމަށްފަހު ފަހުގެ މަންޒިލަކަށް ފުލައިޓް ލޭންޑް ކޮށްފައިވަނީ ފުވައްމުލަކެވެ.

ފުލައިޓުން ދަތުރުކުރި ފުވައްމުލަކު ޕެސެންޖަރުންގެ އުންމީދަކީ މަންތާ އެއާ ދާއިމީ ގޮތަކަށް ޝެޑިއުލް ދަތުރުތައް ފުވައްމުލަކަށް ކުރުމެވެ. މަންތާއެއާގެ މިދަތުރަކީ ފުވައްމުލަކަށް އެ އެއާލައިނުން ފުރަތަމަ ކުރި ދަތުރެވެ.

އަދި ތިންމަސް ފަހުން މުވައްޒަފުން ބަލާ މަންތާއެއާ ފުވައްމުލަކަށް އަންނާނެކަމަށް އެ ފުލައިޓުން ދަތުރުކުރި ހަސަން އަތީޤް މަޢުލޫމާތު ދިނެވެ.