ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީ އަށް މޯލްޑިވިއަނުން މިހާރު ކުރަމުން އަންނަ ދަތުރުތައް އިތުރު ކުރުމަށް ނިންމައިފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން އައްޑޫ އަދި ފުވައްމުލަކަށް މޯލްޑިވިއަނުން މި ދުވަސްވަރު ކުރަމުން އަންނަ ދަތުރުތައް ވަނީ ވަރަށް ބޮޑަށް މަދުކޮށްފައެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި މޯލްޑިވިއަންގެ މެނޭޖަރ ޕީއާރް އެންޑް ކޮމިއުނިކޭޝަންސް މޫސާ ވަސީމް ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ބަދަލުތަކެއް އައިސްފައިވާ ކަމަށާއި އެއާއެކު ދަތުރުކުރާ މީހުން ވެސް މަދުވެފައިވާ ކަމަށެވެ.

ނަމަވެސް ކަރަންޓީނުގައި އަދި ބައެއް ރިސޯޓުތަކުން ވެސް މުވައްޒަފުންނަށް އަނބުރާ ރަށަށް ދެވޭ ގޮތް މިހާރު ވެފައިވުމުން ވަރަށް ގިނަ މީހުން އިތުރު ދަތުރުތައް ބޭއްވުމަށް އެދެމުންދާ ކަމަށާއި އެއާއެކު އިތުރު ދަތުރުތައް އެ ދެ މަންޒިލަށް މިހާރު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

“މިހާރު އައްޑޫ އަދި ފުވައްމުލަކަށް ޝެޑިއުލް ދަތުރުތައް ކުރާ އަދަދަށް ވުރެ ފްލައިޓު އިތުރު ކުރާނެ ކަމަށާއި، ޝެޑިއުލް ތަންދޭ މިންވަރަކުން ހުރިހާ ސަރަހައްދުތަކަށް ވެސް ފްލައިޓުތައް އިތުރުކުރަމުންދާނެ” މޫސަ ވިދާޅުވިއެވެ.

މި ދަތުރުތައް ފަށާނެ ވަކި ތާރީޚެއް މޫސަ ވިދާޅެއް ނުވެއެވެ.