ކޯވިޑް-19 ފެތުރޭތީ ލޮކްޑައުންކޮށް ކާފިއު ހިންގަމުން އަންނަ މެލޭޝިއާގައި ތިބި ދިވެހިން ގެނައުމަށް އަންނަ ބުދަދުވަހު ޤައުމީ އެއަރލައިން މޯލްޑިވިއަނުން ކުރުމަށް ހަމަޖެހިފައިވާ ދަތުރުގެ ޓިކެޓު ވިއްކުމުގައި ބޮޑެތި އޮޅުވާލުންތަކެއްގެ ތުހުމަތު އެކުންފުންޏަށް އަމާޒު ވެއްޖެއެވެ.

ރާއްޖެ ނާދެވި ބޭރު ޤައުމުތަކުގައި ތާށިވެފައި ތިބި ދިވެހިން ގެނައުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން ބޭރު ޤައުމުތަކުގައި ތބި ދިވެހިން ގެނައުމުގެ މަސައްކަތް ކުރުމަށް ސަރުކާރުން ޙަވާލުކޮށްފައިވަނީ ރާއްޖޭގެ ޤައުމީ އެއާލައިން މޯލްޑިވިއަންއާއެވެ.

ސަރުކާރުގެ ނިންމުމާއެކު މޯލްޑިވިއަނުން ވަނީ އަވަށްޓެރި އިންޑިއާ އަދި ސްރީލަންކާގައި ތިބި ދިވެހިންގެ ތެރެއިން ބައެއް މީހުން ރާއްޖެ ގެނައުމަށް ދަތުރުތަކެއް ކޮށްފައެވެ. އަދި މެލޭޝިއާގައި ތިބި ދިވެހިން ގެނައުމަށް އެޤައުމަށް ދަތުރެއް ތާވަލުކޮށް އެކަން މޯލްޑިވިއަނުން ވަނީ އިއުލާންވެސް ކޮށްފައެވެ.

މޯލްޑިވިއަނުން ބުނެފައިވަނީ މެލޭޝިއާއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުގެ ޓިކެޓު ވިއްކުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް ކަމަށާއި ހޯމަދުވަހު ރާއްޖޭ ގަޑިން ހަވީރު 5 ޖަހާއިރު އޮންލައިންކޮށް ޓިކެޓު ގަނެވޭނެ ކަމަށެވެ.

އެހެން ނަމަވެސް 5 ޖެހިއިރު އޮންލައިންކޮށް ޓިކެޓު ނެގުމަށް އެތައް ބަޔަކު ތައްޔާރު ވެގެން ތިއްބައި މޯލްޑިވިއަނުން ވަނީ ފްލައިޓްގެ ޝެޑިއުލްއަށް ބަދަލުތަކެއް އައުމާއެކު ޓިކެޓު ވިއްކުން “ކުޑައިރުކޮޅެއްގެ ފަހުން ފެށޭނެ” ކަމަށް ވިދާޅުވެ ޓްވީޓު ކޮށްފައެވެ.

އެއަށްފަހު މީޑިއާތަކާ ބައްދަލު ކުރައްވައި މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ މޫސާ ވަސީމް ވިދާޅު ރާއްޖޭ ގަޑިން ރޭނގަނޑު 8 ގެ ފަހުން އޮންލައިންކޮށް ޓިކެޓު ގަތުމަށް ހުޅުވާލާނެ ކަމަށާއި ޓިކެޓު ވިއްކުމުގައި ލަސްތަކެއްވީ ފްލައިޓު ބޭއްވުމަށް ކުރިން ހަމަޖެއްސި ގަޑި އަވަސް ވެފައިވާތީ ކަމަށެވެ.

މުސާ ވަސީމް ވިދާޅުވީ ހުރިހާ ޓިކެޓެއްވެސް ވިއްކުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް ކަމަށާއި އެގޮތަށް ވިއްކަނީ ހަމަހަމަ ކަމާއެކު ދެފުށް ފެންނަ ގޮތަކަށް ޓިކެޓު ވިއްކުމުގެ ކަންކަން ގެންދިއުމަށް ކަމަށެވެ.

އެހެން ނަމަވެސް 8 ޖެހިއިރުވެސް އޮންލައިންކޮށް ޓިކެޓު ނެގޭނެ ގޮތެއް ނުވެ ރޭގަނޑު 11 ޖެހިފަހުން މޯލްޑިވިއަނުން ވަނީ އޮންލައިންކޮށް ގިނަ ބަޔަކަށް ޓިކެޓު ނަގަން އުނދަގޫވާތީ ފޯނުން ގުޅައިގެން ޓިކެޓު ލިބޭނެ ކަމަށް ވިދާޅުވެ މޯލްޑިވިއަންގެ ރިޒަވޭޝަން ހޮޓްލައިން ނަމްބަރ 3335544 އާއެކު ޓުވީޓެއް ކުރައްވާފައެވެ.

 

އެހެން ނަމަވެސް އެ ނަމްބަރަށް ގުޅާލުމުން އެއީ އޮފީސް ބަންދު ވަގުތެއް ކަމަށް ބުނާ އޮޓޯ މެސެޖެއް ލިބެމުން ދިޔަކަމަށް ޓިކެޓު ހޯދުމަށް އެ ނަމްބަރަށް ގުޅި ފަރާތްތަކުން ވަނީ މި ނޫހަށް މައުލޫމާތު ޙިއްސާ ކޮށްފައެވެ.

އެހެން ނަމަވެސް އޭގެ 10 ވަރަކަށް މިނިޓުފަހުން މޯލްޑިވިއަނުން ވަނީ ބުކިން ސިސްޓަމަށް “އެޓޭކްތަކެއް” ދޭކަމަށް ބުނެ އެކަން ކުށްވެރިކޮށް ޓުވީޓު ކޮށްފައެވެ.

 

އެހެން ނަމަވެސް އެކަން ހައްލު ކުރެވުނު ވާހަކައެއް ހާމަނުކޮށް މެންދަމުން 12:30 ވާން ކައިރިވެފައި ހުއްޓާ މޯލްޑިވިއަނުން ވަނީ މެލޭޝިއާގެ ދަތުރުގެ ޓިކެޓު ވިއްކާނެ އެންމެ ފަހުވަގުތަކީ މިއަދު ހެނދުނުގެ 9:00 ކަމަށް ނިންމާފައިވާ ކަމަށް ވިދާޅުވެ ޓުވީޓެއް ކޮށްފައެވެ.

އިއްޔެ ހަވީރު 5 ޖެހީއްސުރެ ރޭގެ 12:30 އާ ހަމައަށް، އަދި އޭގެ ފަހުންވެސް އޮންލައިންކޮށް ޓިކެޓު ނެގުމަށް މަސައްކަތް ކުރި އެއްވެސް ފަރާތަކަށް ޓިކެޓު ނެގިފައި ނުވާއިރު 200 މީހުންގެ ޓިކެޓު ވިއްކީ ކޮން އުސޫލަކުންތޯ ރައްޔިތުން އަންނަނީ ސުވާލު ކުރަމުންނެވެ.

ޓިކެޓު ދިނުމުގައި މޯލްޑިވިއަނުން އެންމެ ފުރަތަމަ ދެއްކި ވާހަކަ ތަކާއި ކަންހިނގައިދިޔަ ގޮތާ ދިމާ ނުވެއެވެ.

މިކަމާ ގުޅިގެން މޯލްޑިވިއަނުން ޓުވީޓެއް ކޮށްލުމުގެ އިތުރުން އެއްވެސް މައުލޫމާތެއް ރައްޔިތުންނަކަށް އޮޅުންފިލުވައެއް ނުދެއެވެ. މޯލްޑިވިއަންގެ ވެރިންގެ ފޯނުތައް ނިވާލާފައިވާއިރު ޕަބްލިކް ރިލޭޝަންސް މެނޭޖަރ ފޯނަށް ޖަވާބެއް ނުދެއްވައެވެ. މެސެޖެއް ކުރި ނަމަވެސް މެސެޖަކަށްވެސް ޖަވާބެއް ނުދެއްވައެވެ.

މޯލްޑިވިއަންގެ 200 މީހުންގެ ޖާގައިގެ ބޯޓުން ރާއްޖެ އައުމަށް މެލޭޝިއާގައި ދިވެހި އެމްބަސީގައި 800 އަށްވުރެ ގިނަ މީހުންގެ ދިގު ލިސްޓެއް ވަނީ ހަދާފައެވެ.

މިކަމާ ގުޅިގެން މެލޭޝިއާގައި ދިރިއުޅޭ ދިވެހިންގެ ވައިބަރ ގްރޫޕުގައި އެމްބަސީގެ އޮފިޝަލުންވެސް ވަނީ ވަކި ހިސާބަކުން ހިމޭންވެ ރައްޔިތުންނަށް ޖަވާބުދާރީ ވުން ހުއްޓާލާފައެވެ.

330 ޑޮލަރަށް މެލޭޝިއާ މާލެ ޓިކެޓު ވިއްކުމަށް މޯލްޑިވިއަނުން ނިންމާފައިވާއިރު މިކަމުގައި މޯލްޑިވިއަނުން ދައްކަމުން އައި ވާހަކަ ތަކުގައި އޮޅުވާލުން ތަކެއް ހުރިކަމަށް ރައްޔިތުން އަންނަނީ ތުޙުމަތު ކުރަމުންނެވެ.

އަދި ބުދަދުވަހު ކުރުމަށް ހަމަޖެހިފައިވާ ދަތުރުގެ ޓިކެޓުވެސް “އެތެރެއިން އެތެރެއަށް” ވިއްކާ ހުސްކޮށްލާފައިވާ ކަމަށްވެސް މޯލްޑިވިއަންގެ ޓުވީޓަށް ރައްދުދީފައިވާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ސަރުކާރުން އިސްނަގައިގެން ބޭރު ޤައުމުތަކުގައި ތިބި ދިވެހިން ގެނައުމަށް ބޭއްވި ފުރަތަމަ ދަތުރުތަކުގައިވެސް ޓިކެޓު ދިނުމުގައި މިފަދަ ގޮތަކަށް ކަންކަން ހިނގާފައިވާ ކަމުގެ ތުހުމަތު އިނގިލި ރައްޔިތުންވަނީ މޯލްޑިވިއަންއަށް ދިއްކޮށްފައެވެ.