އަފުން އެންމެ ކުދުވޭލައި ކަލްކަދެނަސް ފުވައްމޮލޮކަކީ ކެއުންބިއުމުގެ ގޮތެން ރާއްދޭގެ ގިނަ އެހެން ރަށްރަށޮއާ އެޑާ ބަލާނކަލް އަމިއްލަ ފުދުންތެރިކަން ބޮނޑޮ ރަށަށް ކަމުގައި ރާއްދޭ އެންމޭއަސް ގަބޫލްކެޅާޔަ. 1970 އިގެ ފަހި އަހަރޮތެއްކާ ހަމާށަ ދަނޑޮވެރިކަމަކީ ކޮންމި ގޭކި ނުވަތަ ކޮންމި ގެއަކުން ލިކަހަ ކޯ ވޭނޑުން ކަމެއް. ކޮންމި ގޭކި ލިކަހަ އެތެއު އެޅެއު އޮއް. ފަލަމަޑިއެ އެތެރެ ހިމެނޭ ކައްޓެލާސް ހެދޮވީޔަ. ދަނޑިއަލުވި، ބަރޮބޮލް، ތޮރާ، ކަހަލަ ތަރޮކާރީއާ ހިކަނދިފައް، ރާންބާފައް، މަހިލަނބޮފައް، ކޮޕީފައް، މި ނުނަސް ގިނަ އެތެއް ވައްތަރިގެ ފެހި ފައްތެއު ހެދޮވީޔަ. ބައޮނކޭލް ގެހެ ބައިވަރޮ ތިބި. ދިވެހި ރުއްތެއް ތީބީ މިޅި ރަށި އިކި ބީވާތެކެއިއާ ގޭގޭދޮރެ ހެދީފޭ. ރުކެއި އެއްވިއަސް އެއްތަކީ އެއްލާލަންނަ ޖެހޭނ އެއްތެއް ނުން. ގޮބޮޅި، މިރި، ކުރުބާ، ގަބިޅި، ކައިށި، މީ ހުސް ރުކެން ލިބޭނ، އަފުން ކާ، ބޯ ހަދާ ވޭނޑުން އެއްތެތި. އަދި މީގެ އިތިރެން ރާވޭރުން ކޮންމި ދުވަހެކި ދެ އިރެ ރުކަހަ އަރާ ކެރާނ މަސައްކަތެން ތިރިކެރާނ ރާ، ބިއުމަކަހަޔާ ހަކުރު ހަދަންނަ ބޭޱުންކެޅާޔަ. ކަންނާޔާ ކައްކަންނަ ކައިށި ބޭޱުންކެޅައުމުގެ އިތިރެން ކައިށި ތެލް ކައްކަންނާސް ބޭޱުންކެޅާޔަ. އަދި ގައި ލަންނާސް ބޭނުން ކެޅާޔަ. އިކި ވައްތަރިގެ މޭވާ ގެހެތެކަސް އެހައި ގިނައެން ހެދޮވީޔަ. މީގެ އެތެރެއި ފައްކޭލް (ދޮންވީއްމާ ދޮންކޭލް)، އަނބޮ، ކަރާ، ކޭވައް، ލިނބޮއި، ނާރިންގު، ކުންނާރަ، ދަންވައް، ހުއްކުންނާރަ، ޖުމްހޫރީމޭވާ، ފަޅޯ، ފޭރު، އުއްދަނޑި، ޒުވާރި އަދި ބައެއް ދުވަސްވަރި އަލަނާސި އަސް ހެދޮވީޔަ. 

1970 އިގެ ފަހި އަހަރޮތެކެން ފެށީގެން، ރަށަހަ ހަނޑުލް، ހަކުރު، ފިށި އަދި ތަރޮކާރީ ކަހަލަ ބާވައްތެއް އެތެރެކެންނަ ފެށުންމާ ގުޅީގެން، ރަށި މީހުންގެ ކެއުން މަޑުމަޑުން ހަނޑުލް، ހަކުރު، ފިށަހަ ބަދަލްވެގެ. ރަށި ހެދޮވީ އެއްތެތި މާލޭހާ ގިނާހޮ ވިއްކާގެން ރަށަހަ ބޭނުންވޭނ ކާނއެއްތެތީގެ ބާވައްތެއްކާ، ދިރީވޭންޱަހަ ބޭނުންވޭނ އެހެނިހެން ސާމާނު ގިނެގެން ރަށަހަ ގިނެގެއުމަކީ އާންމު ކަމަކަހަ ވެގެ. ދެން އާ އަހަރޮތެކެއި އިކި ގޮއްތޮގެން ރަށަހަ އެތެރެވޭނ އާމްދަނީ ގޭއީ އިތިރިވެމުން ރަށިގެ އާންމު ހާލަތޮ މަޑުމަޑުން ރަނގަޅަ ވެމުން. ތަރައްގީއަކީ މީ ކަމަހަ ބެލެވެންނަ ފަށާފި.

އެކަމެކި މި ނަމޫނައި މައްތަހަ ރަށިގެ ދިރީވޭނޑުން ތަރޮތީބުވެންނަ ފެށުންމާ ގުޅީގެން ނިއެދެވޭނ ކަމެއް ވެންނަ ފެށި. އެ ކަމަކީ، ރަށިގެ ދަނޑޮވެރިކަން މަޑުމަޑުން ދަށަހަ އެންނަ ފެށުން. އެޅެތެއްކާ ބީވާތެއް ބަލާނިހިށުވެންނަ ފަށާފި. ފަލަމަޑީގެ ބާވައްތެއް ހެދޮވުން މަދޮވެގެ، ނުވަތަ ހުއްޓީގެ. ޖުމުލަކޮހޮ ބެޱާފަހެނާ، ދަނޑޮތެކެއި ހަދޮވަންނަ ޖެހޭނ ހުށިހައި އެއްތެތި ލިކަހަ ހެދޮވުން ހުއްޓީގެ. އެހެންވުމެން ދެން ލިބެމުން ގޭއީ (އަދި މިހިނދެ އަސް ލިބެމުން އެނީ) ފައްކޭލް، އަނބޮ، މިހެންވީ ތިން ހަތަރޮ ބާވަތެއް. މީގެ ނަތީޖާކީ، ރަށިމީހުން ބަނޑޮފުރާޱަ މުއްތިކެޅައުމަހަ މިހިނދެ މި ޖެހެނީ މާލޭން ގިނޭ ކާނއެއްތެއްތަހަ ވަރަހަ މައްތެ ދަރަޖާކަހަ ބުރަވެ ތިބެންނަ. މާލޭން ގިނޭ އެތިކެޑެ ލަހަވެގޭ ފަހެނާ ދަތިވޭ.

މި ދުވަސްވަރި މިޅި ދުނިޔާށަ ވެރިވެފޭ މިވޭނ ކޯވިޑް-19 ވައިރަސްގެ ވަބާއި އެތެރެ، ރާއްދޭގެ ނިކަމެތިކަން ވަރަހަ ބޮނޑަހަ ރައްޔަތުންނަ އިހުސާސްވެމުން ތިޔައޭ. މި ކަން އެނގެނީ ނޫސްތެކެއިއާ، ރޭޑިއޯތެކެއިއާ ޓީވީތެކެއިއާ މީސްމީޑިއައި ކެރަމުންއޭނ ބަހުސްތެކެއި މި ކަމަހަ ވަރަހަ ބޮނޑޮ ސަމާލުކަމަށް ދެމުން އެންނަ ހެދީ. އެހެންވެގެން ސަރޮކާރެނަސް މި މައްސަލާޔާ ދޭތެރެ ވަރަހަ ސީރިއަސްކޮހޮ ވިސްނަމުން އެބަގިނޭނ ކަން ތިޔަ އެނގޭ. ރަށްރަށެން ހަދޮވާނ އެއްތެތި ސަރޮކާރި ކުންފުނިއަކުން ގަންނާ ލިކަހަ ރޭވުންތެއް ކުރިހާ އޭނ ވާހަކަ މިހިނދެ އެއޯތީ އިއުލާންކޯފޭ. މީ އެއްތެތި ހަދޮވަންނަ، ދަނޑޮވެރިކަން ކެރަންނަ މީހުންނަ ލިބޭނ ވަރަހަ ބޮނޑޮ ހިއްވަރަކަހަ ވެންނެން ކަންމާ މެދެއި އެއްވިއަސް ށައްކެއް ނެއް. އެކަމެކި އަދި މި ވަރެން ފުދީއެންނެންތޯ މީ އުފެދީފޭވޭނ ސުވާލެއް. ކަމިގެ މަގޮސަދަކީ ރާއްދެއަކީ މިހިނދަހަށަ ކާނއެއްތެއްތަހަ ފުދުންތެރިކަން ބޮނޑޮ ގައޮމަކަހަ ހެދުމުގެ މަގޮސަދޮ ފަހެނާ ތަންކެޑަށް ފެޅޫކޮހޮ މި ކަން ރާވާ، އިންތިޒާމޮތެއު ހަމަޖައްސަންނަ ޖެހެންނެން ކަމަހަ ފެނޭ. 

ރަށި ފެންވަރި މި ކަން ރާވާ އިންތިޒާމޮކެރަންނަ އިސްނަގަންނަ ޖެހޭނ ފަރާތަކީ ސިޓީ ކައުންސިލް. މަސައްކައް ފަށާނކަލަސް ކަމިގެ ބޮނޑޮ މަގޮސަދޮ އެނގެންނަ ޖެހެންނެން. އެ މަގޮސަދަކަހަ ވެންނަ ޖެހެންނެނީ ތިން މަސްދުވަހަށަ ވޭނ ވަރަހަ ރަށިގެ ކާނއެއްތެތީގެ ފުދުންތެރިކަން ލިބޭނހައި ކާނއެއްތެތި ރަށި ހެދޮވުން. އެހެން ރަށަކުން ކާނއެއްތައް ނިލިބުނަސް ރަށި މީހުންނަ ތިންމަސްދުވަހަށަ ކާ، ބޯ ވޭނޑެވިއޭނހައި ކާނއެއްތެތި ރަށި ހެދޮވުން. މީ ނިވެންނެން ކަމެއް ނުން. އޯތީ ވިސްނުންތެރިކަންމާ، ރޭވުންތެރިކަންމާ، ކެއްތެރިކަންމާ އެކީ ގަދަ އެޑާ މަސައްކައް ކެޅައުން. ﷲގެ ވާގިފުޅުއާ އެކީ މި ކަމަކީ ވޭންނެން ކަމެއް.