ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ވައިރަހާ ގުޅިގެން ލޮކްޑައުން ކޮށްފައިވާ އަވަށްޓެރި ލަންކާގައި ތިބި ދިވެހިންނަށް ޤައުމީ އެއާލައިންގެ އެހީތެރިކަމާއެކު ފޮނުވާ އެހީގެ ތަކެތި ބަލައިގަތުމަށް ފަސްމިނިޓުވެސް ކިއުގައި ތިބެން ނުޖެހި ތަކެއްޗާ ޙަވާލުވެވޭ ވަރަށް ކަންކަން އިންތިޒާމު ކުރައްވާނެ ކަމަށް މޯލްޑިވިއަންއިން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޯލްޑިވިއަންގެ ތަރުޖަމާނު މޫސާ ވަސީމު ވިދާޅުވީ އިއްޔެ ގިނަ ބަޔަކު އަަވީގައި ކިއުގައި ތިބެން ޖެހުނު ކަމަށްޓަކައި މޯލްޑިވިއަންއާއި އެ ކުންފުންޏާ ގުޅިގެން އެ މަސައްކަތުގައި އުޅޭ ހުރިހާ މުއައްސަސާއެއްގެ ފަރާތުން ރައްޔިތުންގެ ކިބައިން މާފަށް އެދޭ ކަމަށެވެ.

އަދި ކާގޯގެ ތަކެތި ބަލައިގަތުމުގެ އިންތިޒާމުތައް ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން މޫސާ ވަސީމް ވަނީ ދެއްވާފައެވެ.

ލޮކްޑައުންކޮށް ކާފިއު އިއުލާން ކޮށްފައިވާ ލަންކާގައި ފަނަރަހާހެއްހާ ދިވެހިން ދިރިއުޅެއެވެ. ގެއިން ބޭރަށް ނުކުތުމުގައި ދިމާވާ ދަތިތަކާހުރެ ލަންކާގައި ދިރިއުޅޭ ދިވެހި އާއިލާތަކަށް އެހީތެރިވުމުގެ ގޮތުން ދިވެހި ޤައުމީ އެއާލައިނާއި ސަރުކާރުގެ ކަމާ ބެހޭ އެހެނިހެން އިދާރާތައް ގުޅިގެން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

އެގޮތުން ސަރުކާރުން ކުރި މަސައްކަތުން ލަންކާ ސަރުކާރުން ވަނީ މޯލްޑިވިއަންގެ ބޯޓުތައް ލަންކާގެ ވައިގެ ސަރަޙައްދަށް ވަނުމުގެ ހުއްދަދީފައެވެ.

އެއާއެކު މޯލްޑިވިއަންގެ ފަރާތުން ލަންކާގައި ތިބި ދިވެހިންނަށް ރާއްޖެއިން ތަކެތި ގެންދެވޭނެ އިންތިޒާމު ހަމަޖައްސައި ކޮންމެ އާއިލާއަކަށް 15 ކިލޯ ފޮނުވޭނެ އިންތިޒާމު ފޮރިން މިނިސްޓްރީ މެދުވެރިކޮށް ހަމަޖައްސާފައެވެ.

އެއްވެސް އަގެއް ނުނަގައި މޯލްޑިވިއަނުން ލަންކާއަށް ގެންގޮސްދޭ މުދާތައް އެޤައުމުގައި ދިރިއުޅޭ ދިވެހި އާއިލާތަކަށް ގެންގޮސްދޭނީ ލަންކާގައި ހުންނަ ދިވެހި އެމްބަސީންނެވެ.

މޯލްޑިވިއަންގެ ފަރާތުން ހަފްތާއަކު 1 ފަހަރު އެހީގެ ތަކެތި ލަންކާއަށް ގެންގޮސްދިނުމަށް ވަނީ ނިންމަވާފައެވެ.

ލަންކާއަށް ފޮނުވާ ކާގޯގެ ފުރަތަމަ ފްލައިޓު މިއަދު ލަންކާއަށް ދިއުމަށް ހަމަޖެހިފައިވާއިރު މި ފްލައިޓުން ގެންދާ ތަކެތި އިއްޔެވަނީ މޯލްޑިވިއަންއާ ޙަވާލުކޮށްފައެވެ.