އަންނަ މަހުގެ 18 ވަނަ ދުވަހަށް ފަސްކުރި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގެ ވޯޓުލުން ފަސްކުރުމުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުން ގާނޫނަށް ބަދަލު ގެނައުމަށް މަޝްވަރާކޮށްފިއެވެ.

އިންތިހާބުގެ ވޯޓުލުން ފަސްކުރުމަށް އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އަންގާރަ ދުވަހު ވަނީ އިލެކްޝަންސް ކޮމިޝަނާއި ބައްދަލުކޮށް މި މައްސަލައިގައި މަޝްވަރާ ކޮށްފައެވެ.

އެގޮތުން އިންތިހާބުގެ ވޯޓުލުން ފަސްކުރުމަށް ސުޕްރީމް ކޯޓަށް ނުދިއުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އިލެކްޝަންސް ކޮމިޝަނަށް އަންގައި، މަޖިލީހުން އެކަމަށް ހައްލު ހޯދައިދޭނެ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ.

އަންގާރަ ދުވަހުގެ ކޮމިޓީ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވުމަށްފަހު ދެ ފަރާތުން އެއްބަސްވެފައިވަނީ އިންތިހާބުގެ ވޯޓުލުން ފަސްކުރުމުގައި އަމަލު ކުރުމުގައި އީސީން ބޭނުންވާ ކަންކަން ހިމަނައި ބިލު ޑްރާފްޓެއް ބުދަ ދުވަހު ކޮމިޓީއަށް ހުށަހެޅުމަށެވެ. އަދި އީސީން ވަނީ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ޑްރާފްޓެއް އެކުލަވާލާ ކޮމިޓީއަށް ފޮނުވާނެކަމަށް ބުނެފައެވެ.

އަދި އީސީން ފޮނުވާ ޑްރާފްޓް ލިބުމުން ދައުލަތުގެ ބަންޑާރަ ނައިބުއާއެކު އެކަމާ ގުޅޭ މަޝްވަރާތައްކޮށް ގާނޫނު ބައްޓަން ކުރުމަށް ވަނީ ނިންމާފައެވެ. އަންގާރަ ދުވަހުގެ ބައްދަލުވުމުގައި ގާނޫނަށް ގެންނާނީ ކޮން ބަދަލެއް ކަމެއް އަދި އެއީ ސީދާ ގާނޫނުގައި ހިމަނާނެ މާއްދާތަކެއް ކަމެއް ނުވަތަ ވަގުތީ މާއްދާތަކެއް ކަމެއް ނިންމާފައެއް ނުވެއެވެ.

އަންގާރަ ދުވަހުގެ ބައްދަލުވުމުގައި ކޮމިޓީގެ މެންބަރުން ވަނީ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ކުރިއަށް ނުގެންދިއުމަށް އެދިވަޑައިގެންފައެވެ. އަދި އީސީން ވަނީ ސުޕްރީމް ކޯޓުގައި މައްސަލަ ކުރިއަށް ނުގެންދަވާ މަޖިލީހާއެކު އިންތިހާބު ފަސްކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވެފައެވެ.

ކޮމިޓީގެ ބައްދަލުވުމުގައި ޝަރީފް ވަނީ މުޅި އިންތިހާބު އަލުން ބާއްވަން ނުޖެހޭ ގޮތަށް އަދި ހަމައެކަނި ވޯޓުލުން ފަސްކުރުމަށް ގާނޫނަށް ބަދަލު ގެންނަނަމަ އެކަން ކުރެއްވުމަށް އެދިވަޑައިގެންފައެވެ. ޝަރީފް ވިދާޅުވީ އަލުން އިންތިހާބަށް ކުރިމަތިލާން ހުޅުވާލައި މުޅި މަސައްކަތް ފަށަން ޖެހޭނަމަ މިހާރު ކޮށްފައިވާ ހަރަދުތައް އަލުން ކުރަންޖެހޭނެ ކަމަށެވެ. އަދި އަލުން މަސައްކަތް ފަށައިފިނަމަ ކޮށްފައިވާ މަސައްކަތްތައް ދެވަނަ ފަހަރަށް ކުރުމަށް 120 ދުވަސް ބޭނުންވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ވޯޓުލުން ފަސްކުރާނަމަ ބޭނުންވާނީ މިހާރު އޮތް ކުއްލި ނުރައްކަލުގެ ހާލަތު އުވާލާ ދުވަހުން ނުވަތަ އާންމު ހާލަތަކަށް ގެންނަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތެއް ކަމަށް ޝަރީފް ވަނީ ފާހަގަކުރައްވާފައެވެ.