ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް 19 އާ ގުޅިގެން ސަރުކާރުގެ ނިންމުމަށް މަރުހަބާކިޔައި، އެމްޑީޕީގެ “ރަށްވެހި ފަތިސް” ކޭމްޕޭނުގެ ހުރިހާ ހަރަކާތްތަކެއް މެދުކަނޑާލައިފިއެވެ.

އެމްޑީޕީން ބުނީ މިދިޔަ ބުރާސްފަތި ދުވަހު، ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދަކަށް އާންމު ސިއްހަތުގެ ކުއްލިނުރައްކަލުގެ ހާލަތު އިއުލާނުކުރުމާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގައުމާ މުހާތަބުކުރައްވައި، ދެއްވި އިރުޝާދުތަކަށް އެ ޕާޓީން މަރުހަބާ ކިޔާ ކަމަށެވެ. އަދި ލޯކަލް ކައުންސިލް އިންތިހާބު ލަސްކުރެވިފައިވާތީ އެ ޕާޓީގެ ލޯކަލް ކައުންސިލު އިންތިހާބުގެ ކޭމްޕޭނުގެ ހުރިހާ ހަރަކާތްތަކެއް އެއްކޮށް މެދުކަނޑާލައި، ކޮރޯނާ ވައިރަސް އާގުޅިގެން ރައްޔިޔުންގެ ކިބައިން ސަރުކާރުން އެދޭ ކޮންމެ ކަމެއްގައި އެ ޕާޓީގެ މެންބަރުންނާއި އެންމެހައި އިންތިޒާމުތަކާއި ވަސީލަތްތަކެއް އެންމެ ފުޅާމިނެއްގައި ފޯރުކޮށްދީ، އެހީތެރިވެދިނުމަށް ތައްޔާރަށް އޮތްކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ކުރިން ކަނޑައަޅާފައި އޮތީ އަންނަ މަހުގެ ހަތަރެއްގައެވެ. ނަމަވެސް އެ އިންތިހާބު ވަނީ އަންނަ މަހުގެ 18 އަށް ފަސްކޮށްފައެވެ.

އެމްޑީޕީ އަކީ ފުޅާ މިނެއްގައި ކެމްޕޭނުގެ ހަރަކާތްތައް ހިންގައި، ރައްޔިތުންނާ ހަމައަށް ވާސިލުވެ، ފުރިހަމަ މައުލޫމާތު ފޯރުކޮށްދީ، އެގޮތުން ފޯރުކޮށްދޭ މައުލޫމާތަށް ބިނާކޮށް ރައްޔިތުން ވޯޓުލުމުގެ ފުރުސަތު ހޯދައިދިނުމަށް ކެމްޕޭންކުރާ ޕާޓީއެއް ކަމަށާއި ކެމްޕޭން ކުރުމަށްޓަކައި ދެންވެސް ގާނޫނުގައި ބުނާ މުއްދަތު ކެންޑިޑޭޓުންނަށް ލިބޭނޭކަން ކަށަވަރު ކޮށްގެން ލޯކަލް ކައުންސިލް އިންތިހާބު ބޭއްވެވުމަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ.

އާންމު ސިއްހަތުގެ ކުއްލިނުރައްކަލުގެ ހާލަތު އިއުލާނުކުރެވިފައިވާ މި ދަނޑިވަޅުގައި، އިންތިހާބުގެ ކެމްޕޭނުގެ ހަރަކާތްތައް އެއްވެސް ސިފައެއްގައި ނުހިންގުމަށް ވެސް އެ ޕާޓީގެ ހުރިހާ ކެންޑިޑޭޓުންނަށާއި ކެމްޕޭން ޓީމުތަކަށް ވަނީ އަންގާފައެވެ.

އެ ޕާޓިން ކެމްޕޭންގެ ހުރިހާ ކަމެއް މަޑުޖައްސާލައިފައި ވާއިރު، މީގެ ކުރިން އެ ޕާޓިން ކޮވިޑް-19 އަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމާ އެކުގައި ކުރިއަށް ގެންދިއުމަށް ކެމްޕޭން ޓީމުން ނިންމައިފައެވެ. ސޯޝަލް މީޑިއާ އަދި މުއާސަލާތީ ވަސީލަތްތައް މެދުވެރިކޮށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެންޕޭނު ހަރަކާތްތައް ކުރިއަށް ގެންދިއުމަށްވެސް ކުރިން އެ ޕާޓީން ވަނީ ނިންމާފައެވެ.

ކޮވިޑް 19 އާ ގުޅިގެން މިހާރު ގައުމުގައި އޮތް ހާލަތު ބެލުމަށް ފަހު އިންތިހާބު ފަސް ކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހެވެ.