އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ފުވައްމުލަކު ސިޓީ ކައުންސިލަށް ވާދަކުރައްވާ ކެނޑިޑޭޓުންގެ މެދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބަހުސް ސަންގު ޓީވީން ވަގުން ދެއްކުމަށް ހަމަޖެހިއްޖެއެވެ.

ފުވައްމުލަކު ޓައިމްސްއާއި ސަންގު ޓީވީ ގުޅީގެން ބޭއްވުމަށް ހަމަޖެހިފައިވާ މި ބަހުސް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 23 އަދި 24 ގައެވެ.

ސިޓީ ކައުންސިލަށް ވާދަކުރައްވާ ކެނޑިޑޭޓުންގެ މެދުގައި ބާއްވާ މި ބަހުސް ކުރިއަށް ދާނީ މި ސިޓީގައި އިންތިޚާބު ކުރާ 6 ދާއިރާ ވަކިވަކިންނެވެ.

އެހެންކަމުން ސިޓީގެ މޭޔަރާއެކު ޖުމްލަ 7 ބަޙުސް އޮންނާނެއެވެ.

މި ބަހުސްގައި ކެނޑިޑޭޓުންނަށް ސުވާލުތައް ކުރިމަތި ކުރުމަށް ހަމަޖެހިފައިވަނީ މައިގަނޑު 8 ދާއިރާއަކަށް އަމާޒު ކޮށްގެންނެވެ.

ސުވާލުތައް ކުރުމަށް ހަމަޖެހިފައިވާ ދާއިރާތައް:

  • ވިޔަފާރިއާއި އިގްތިޞާދު
  • އިޖުތިމާއީ
  • ދީނީ
  • ތައުލީމީ
  • ތިމާވެށި
  • ލާމަރުކަޒީ ނިޒާމު
  • ސިޔާސީ

ފުވައްމުލަކު ޓައިމްސްގެ މެނޭޖްމެންޓުން ވިދާޅުވީ މި ބަހުސްގައި ބައިވެރިވާ ކެނޑިޑޭޓުންނާ ކުރިމަތި ކުރަން އާންމު ރައްޔިތުން ބޭނުންވާ ސުވާލުތައް މި ނޫހުގެ ފޭސްބުކް ޕޭޖަށް ފޮނުވުމުން އެ ސުވާލުތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ފުވައްމުލަކު ޓައިމްސް އިން ވަނީ ނިމގެންދިޔަ އެމްޑީޕީ ޕްރައިމަރީގައި ފުވައްމުލައް ސިޓީގެ މޭޔަރުގެ ޓިކެޓަށް ވާދަކުރެއްވި ހަތަރު ކެނޑިޑޭޓުންގެ މެދުގައިވެސް ކާމިޔާބު ކަމާއެކު ބަހުސެއް ބާއްވާފައެވެ.