ނަސީބުވެރިންނަށް ހޮވޭ މީހުންނަށް އަންނަ ޖޫން/ ޖުލައި މަހު އޮންނަ ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތް ބަލާލަން ދެވޭ ހާއްސަ ޕްރޮމޯޝަނެއް ކޮކާ ކޯލާ ކުންފުނިން ފަށައިފި އެވެ.

ރާއްޖޭގައި ތިބި ފުޓްބޯޅަ އަށް ލޯބިކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ޕްރޮމޯޝަން ފައްޓަވައިދެއްވީ މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ކޮކާ ކޯލާގެ ޖެނެރަލް މެނޭޖާ އޮފް އޮޕަރޭޝަންސް މިލިން ދެރްސާރީ އެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ރަން ކުލައިގެ މަތިގަނޑު ޖަހާފައި ހުންނަ ކޮކާ ކޮލާގެ 300 އެމްއެލާއި 500 އެމްއެލްގެ އިތުރުން 1.25 ލީޓަރުގެ ފުޅީގެ މަތިގަނޑުގައިވާ ނަންބަރު 2626 އަށް އެސްއެމްއެސް ކޮށްގެން ކަމަށް ކޮކާ ކޯލާ އިން މައުލޫމާތުދެ އެވެ. މި ޕްރޮމޯޝަންގެ ދަށުން ދިހަ މީހަކަށް އެ މީހުން ބޭނުންވާ އިތުރު އެކަކު ގޮވައިގެން އަޔަލޭންޑުގެ ޑަބްލިންގައި ކުޅުމަށް ހަމަޖެހިފައިވާ ޔޫރޯގެ 44 ވަނަ މެޗު އަމިއްލަ އަށް އެއްވެސް ހަރަދެއް ކުރުމަކާއި ނުލައި ބަލާލަން ދިއުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

“ރަން ކުލައިގެ މަތިގަނޑެއް ޖަހައިފައި ހުރި 300، 500 އަދި 1.5 ލީޓަރު ކޮންމެ ފުޅިއެއްގެ މަތިގަނޑު ދަށުގައިވާ ހާއްސަ ކޯޑު 2626 އަށް މެސެޖް ކޮށްގެން ގުރުއަތުން ހޮވޭ 10 ފަރާތަކަށް އިތުރު ބައިވެރިއަކާ އެކު ޔޫރޯގެ މެޗެއް ބަލާލަން ދިއުމުގެ ފުރުސަތު ލިބޭނެ،” ކޮކާ ކޯލާގެ ސަރަހައްދީ މެނޭޖަރު މިލިންޑް މިއަދުގެ ރަސްމިއްޔާތުގައި ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ނަސީބުވެރި 10 ފަރާތަކަށް ބައިވެރިއެއް ގޮވައިގެން ބަލާލަން ދާން ފުރުސަތު ދޭނީ ޔޫރޯގެ ދެވަނަ ބުރުގެ މެޗެއް ކަމަށާއި އެ މެޗު ކުޅޭނީ އަޔަލެންޑުގެ ޑަބްލިންގައި ކަމަށެވެ.

މި ޕްރޮމޯޝަން ކުރިއަށްދަނީ މާޗު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކޮކާކޯލާ އިން ވަނީ 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕް ބަލާލަން ދިޔުމުގެ ފުރުސަތު ވެސް ދީފައެވެ.