ފުވައްމުލަކު އިޖުތިމާއީ މަރުކަޒުން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދިޔަ ފުވައްމުލައް އޮފީސް ފުޓްސަލް ކަޕް 2019 ގެ ޗެމްޕިއަންކަން ފެނަކަ ރެކްރިއޭޝަން ކްލަބުން ހޯދައިފި އެވެ.

މުބާރާތުގެ ޗެމްޕިއަންކަން ފެނަކަ ހޯދީ ކުޅުނު ފައިނަލް މެޗުގައި ފުވައްމުލައް އެއާޕޯޓް ރެކްރިއޭޝަން އަތުން 3-2 އިން މޮޅުވެގެންނެވެ.

ފައިނަލް މެޗުގައި ފެނަކައިން ފުރަތަމަ ވަނީ 3 ގޯލުގެ ލީޑެއް ނަގާފައެވެ. އެކަމަކު އެއާޕޯޓް ޓީމުން ވަނީ މެޗުގެ ފަހުކޮޅު ރަނގަޅު ކުޅުމެއް ދައްކާ ފަރަގު ކުޑަކޮށްފައެވެ.

މި މުބާރާތުގެ ފައިނަލް މެޗަށްފަހު ވަނީ ވަނަވަނައަށް ހޮވުނު ޓީމުތަކަށާއި ކުޅުންތެރިންނަށް އިނާމު ދީފައެވެ. މި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ފެނަކަ ޓީމުގެ އިނާން އަހުމަދާއި ގޯލްކީޕަރު އަޝްރަފް އަބްދުﷲ އާއި އެއާޕޯޓް ޓީމުގެ އަހުމަދު ސިނާނާއި އިސްމާއީލް އަލީފުގެ އިތުރުން ސަދާން ލިންކް ފުވައްމުލަކުގެ އަހުމަދު މުއާޒެވެ. މި މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއަކަށް ހޮވިފައިވަނީ ސަދާން ލިންކް ފުވައްމުލަކުގެ އަހުމަދު މުއާޒެވެ.

ފުވައްމުލަކު މުއައްސަސާތަކަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މި މުބާރާތުގައި މިފަހަރު 8 ޓީމެއް ވަނީ ވާދަކޮށްފައެވެ. އެއީ ފެނަކަ ޓީމާއި އެއާޕޯޓް ޓީމުގެ އިތުރުން ސަދާން ލިންކް ފުވައްމުލަކާއި ފުވައްމުލައް ސިޓީ ޕޮލިހާއި އަލިކަން އާއި ކްލަބު ވެމްކޯ އާއި އެފްސީސީ ރެކްރިއޭޝަން ކްލަބުގެ އިތުރުން އެމްއެންޑީއެފް ފުވައްމުލަކެވެ.

މިއަހަރުގެ މުބާރާތް ކުރިއަށްދިޔައީ މި މަހުގެ 11 އިން ފެށިގެންނެވެ.