ސަރުކާރުގެ އަމާޒެއް ކަމުގައިވާ ރަށްރަށުގައި ބޮޑު ފުޓުބޯޅަ ދަނޑުތަކެއް އެޅުމުގެ ވައުދުގެ ތެރެއިން މިހާރު ސަބް ބޭސް އެޅުމަށް އެކި ކުންފުނިތަކާ ހަވާލުކޮށްފައިވާ 13 ރަށެއްގައި ފީފާ އެޕްރޫވްޑް ޓާފް އެޅުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.

ޔޫތު މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި 13 ރަށެއްގައި ފެންވަރު ރަނގަޅު ޓާފް އެޅުމަށް ހަވާލުކުރީ އަމީން ކޮންސްޓްރަކްޝަނާ އެވެ. އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރީ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަބްދުﷲ މުހައްމަދު އެވެ. ޔޫތު މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއެ ކުރެއްވީ މިނިސްޓަރު އަހްމަދު މަހްލޫފް އެވެ.

ޔޫތު މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި ޓާފް އެޅުމަށް ހަވާލުކުރި 13 ރަށުގެ ތެރެއިން ފުވައްމުލަކުގައި ޓާފް އެޅުމަށް ހަމަޖެހިފައި ވަނީ ފުވައްމުލަކު ހޯދަޑު އަވަށުގައި ހެދުމަށް ހަމަޖެހިފަިވާ ދަނޑުގައެވެ.

ހޯދަޑު ދަޑުގެ ސަބު ބޭސް އެޅުމަށް މީގެ ކުރިން ވަނީ އެމްޓީސީސީ އާއި ހަވާލުކޮށްފަ އެވެ. ނަމަވެސް އަދި މިއާ ހިސާބަށް އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ.

ހޯދަޑު އަވަށުގައި ހެދުމަށް ހަމަޖެހިފައިވާ ދަނޑަކީ ފުވައްމުލަކު އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރ އަލީ ޝާހު ބަޖެޓްގައި ހިމަނުއްވާގެން އެދާާއިރާގެ ރައްޔިތުންނަށް ކޮށްދެއްވަން ފެއްޓެވި މަސައްކަތެކެވެ.

މިއަދު ސޮއި ކުރި އެއްބަސް ވުމުގެ ދަށުން ފީފާ ގަބޫލު ކުރާ ޓާފް އެޅުމަށް އަމީން ކޮންސްޓްރަކަޝަނާ ހަވާލުކުރި ރަށްތަކަކީ، ހއ. ދިއްދޫ، ހއ. ނެއްލައިދޫ، ނ. ހޮޅުދޫ، ނ.ކެނދިކުޅުދޫ، ރ. އަލިފުށި، ޅ. ހިންނަވަރު، އދ. މާމިގިލި، ފ.ނިލަންދޫ، ލ. ގަން، ގއ. ވިލިނގިލި، ގދ. ތިނަދޫ އަދި ޏ.ފުވައްމުލަކުގެ އިތުރުން ސ. ފޭދޫ އެވެ.

މި 13 ރަށުގައި ޓާފް އެޅުމަށް އަމީން ކޮންސްޓަރަކްޝަނާ ހަވާލުކުރީ 55 މިލިއަން ރުފިޔާގެ އެއްބަސްވުމެއްގެ ދަށުން ކަމަށާއި މިހާރު އެ ރަށްރަށުގައި އެޅުމަށް މަސައްކަތް ކުރަމުންދާ ސަބްބޭސް އަޅައި ނިމުނުހާ އަވަހަކަށް ޓާފްގެ މަސައްކަތް ފެށިގެންދާނެ ކަމަށް މަހްލޫފް ވަނީ ވިދާޅުވެފަ އެވެ.

މަހްލޫފް ވިދާޅުވީ އިތުރު 22 ރަށެއްގެ ދަނޑުގައި ޓާފް އަޅައިދޭނެ ބަޔަކު ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި އެ ޕްރޮޖެކްޓަށް ވެސް 100 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ. އަދި މި އަހަރުގެ އަމާޒަކީ 37 ދަނޑުގެ މަސައްކަތް ފެށުން ކަމަށާއި އެކަން މި އަހަރު ނިމުމުގެ ކުރިން ހާސިލް ކުރެވޭނެ ކަމަށެވެ.

ސަރުކާރުގެ އަމާޒެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބޮޑު ފުޓުބޯޅަ ދަނޑުގެ އަދަދަކީ 100 ކަމަށް މީގެ ކުރިން މަހްލޫފް ވަނީ ވިދާޅުވެފަ އެވެ. އަދި ސަރުކާރުގެ މި ދައުރު ނިމުމުގެ ކުރިން އެކަން ހާސިލު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި އޭރަށް އަތޮޅު ތެރޭގައި ފުޓުބޯޅަ ކުރިއެރުމަށް ބޮޑު ފަސޭހައެއް ވެގެންދާނެ ކަމަށް މަހްލޫފް ވަނީ ވިދާޅުވެފަ އެވެ.