ފުވައްމުލައް ސިޓީ ކައުންސިލް ބެޑްމިންޓަން މުބާރާތް 2019 ގެ ރަނައަޕް ޓީމެއްގެ ގޮތުގައި ފުވައްމުލައް ހޮސްޕިޓަލް ޓީމް ހޮވިއްޖެއެވެ.

ހޮސްޕިޓަލް ޓީމް ރަނައަޕް ޓީމުގެ ގޮތުގައި ހޮވުނީ މުބާރާތުގެ ފައިނަލް މެޗުގައި ސިޓީކައުންސިލްގެ ރިކްރިއޭޝަން ކުލަބާއި ހޮސްޕިޓަލް ޓީމް ވާދަކޮށްގެންނެވެ.

މުބާރާތުގައި ދެ ޓީމުންވެސް ވަރަށް ވާދަވެރިކޮށް ކުޅެ ރިކުރިއޭޝަން ކުލަބުން ވަނީ 4 ޓައި 3 ޓައިން ހޮސްޕިޓަލް ޓީމުގެ މައްޗައް ކުރި ހޯދާފައެވެ.

ފައިނަލް މެޗުގައި ރިކުރިއޭޝަން ޓީމް ހޮސްޕިޓަލުގެ ޓީމުގެ މައްޗައް ކުރި ހޯދި ނަމަވެސް ގުރޫޕް ސްޓޭޖުގައި މިދެ ޓީމު ބައްދަލު ކުރި މެޗު 4 ޓައި 3 ޓައި އިން ކާމިޔާބު ކުރީ ހޮސްޕިޓަލުގެ ޓީމެވެ.

މި މުބާރާތުގައި ހޮސްޕިޓަލުގެ ޓީމުގެ ފަރާތުން ފެނިގެން ދިޔަ މޮޅު ކުޅުމަކީ ބެލުންތެރިން ފޫހި ކުރުމެއްނެތި ކުރިއަށް ދިޔަ ހުނަރުން ފުރިގެންވާ ކުޅުމެކެވެ. ރިކުރިއޭޝަން ކުލަބުން ދުރާލާ އެތައް މަސްދުވަހެއް ކުރިން ދިޔައީ މުބާރާތަށް ޕްރެކުޓިސް ކުރަމުންނެވެ. ނަމަވެސް ހޮސްޕިޓަލް ޓީމް މަދު ދުވަސް ކޮޅެއްގެ ޕްރެކުޓިސް އާއިއެކު މި ލިބުނު ކާމިޔާބަކީ ދެން އަންނަ މުބާރާތެއްގައި ތަށި އުފުލާލުމަށް ލިބުނު ހިތްވަރެކެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަކީ ސިޓީ ކައުންސިލްގެ ރިކުރިއޭޝަން ޓީމެވެ.

މުބަރާތުގެ ޗެމްޕިއަންޓީމަށް 7000 ރުފިޔާގެ އިނާމް އަދި ރަނައަޕް ޓީމަށް 3000 ރުފިޔާގެ އިނާމް ވަނީ ދީފައެވެ.