ދިވެހިރާއްޖެއަކީ ފަޚުރުވެތި މާޒީއަކާ ދިގު ތާރީޚެއް ލިބިފައިވާ ޤައުމެކެވެ. މާޒީގެ އެކި ހަނދާންތަކާ ކާބަފައިންގެ ގޮތްހުރި ދިރިއުޅުން އަޅުގަނޑުމެންނަށް ދައްކައިދެނީ ޤައުމުގައި ހުރި އާސާރީ ތަރިކަތަކުންނެވެ. ފުވައްމުލަކަކީ ދިވެހި ތާރީޚަށް އަލިކޮށްދޭ ގިނަ ތަރިކަތަކެއް ހުރި ރަށެކެވެ. ހަވިއްތަތަކާއި ވެޔޮ ތަކާއި މިސްކިތްތަކާއި ޒިޔާރާތްތަކާއި މަހާނަގާތައް ފަދަ މުހިއްމު ތަރިކަތަކެވެ.

މީގެ އެތައް ސަތޭކަ އަހަރެއް ކުރީގެ އެ ބިނާތައް ޒަމާނުގެ ހިރަފުހުން މިއަދު މުޅިންހެން ފޮރުވާލައިފިއެވެ. 21ވަނަ ޤަރުނުގެ ތަރައްޤީއާ ތަމައްދުން ފުވައްމުލަކުގައި ހުރި އާސާރީ ތަރިކަތައް ބާކީކޮށްފިއެވެ. ފުވައްމުލަކުގައި ހުރި އާސާރީ ތަންތަން ދެކެލުމަށް ދަތުރުކޮށްލަމާ ހިންގަވާށެވެ. ފުވައްމުލައް އެއަޕޯޓުގެ މައި ދޮރޯށި ފަސްދީ މުހައްމަދު ޖަމާލުއްދީން ނައިބު ތުއްތު މަގުން ކުރިއަށްދާއިރު ފެންނަނީ ވަށައިގެން ފެންސު ޖަހައިފައި ހުރި ދުވަސްވީ ވެވެކެވެ. ވަށޮ ވެއު އެވެ. މިއީ މީގެ އެތައް ސަތައްސަތޭކަ އަހަރެއް ކުރިން ފުވައްމުލަކުގައި ބުޑިސްޓުން އުޅުނު ކަމުގެ ނިޝާނެކެވެ. އަޅުގަނޑުމެންގެ ކާބަފައިންގެ ދިރިއުޅުމާ ގުޅިފައިވާ މުހިއްމު ތަރިކައެކެވެ. ކިހާ އަގުބޮޑު ތަނެއްތޯއެވެ. ތަނުގެ އަގު ވަޒަން ކުރެވިފައިވާ މިންވަރު ބަލައިލުމަށް ކުޑަކޮށް ވަށޮވެވާ ކައިރިވެލަމާތޯއެވެ. ވެއު ތެރެއިން ފެންނަނީ ކުނިބުންޏެވެ. މިއީ ހަމަ އަޅުގަނޑުމެންގެ އަތްތަކުން އަޅާފައިހުރި ކުނިބުންޏެވެ. އެތަނަކީ އަޅުގަނޑުމެންގެ ތަނެކެވެ. އެހެންކަމަށްވާނަމަ އަޅުގަނޑުމެންގެ ތާރީޚަށް އަޅުގަނޑުމެންނަށް އިޙުތިރާމް ކުރެވިއްޖެތޯއެވެ.

ފޮޓޯ ސްކޫލް ދަރިވަރުންތަކެއް ހަވިއްތަ ބަލާލުމަށް ކުރި ޒިޔާރަތެއް

އިތުރު ތަރިކައަކަށް ބަލައިލަމާތޯއެވެ. ފުވައްމުލަކު ތުނޑީ ސަރަހައްދުގައި ހުރި ޤަދީމީ ހަވިއްތައެވެ. ގޮނޑުދޮށުން ފެށިގެން ގާތްގަނޑަކަށް 448 ފޫޓު އެއްގަމުގައި ހުރި ހަވިއްތައަކީ މިހާރު ސިފަ ނޭނގޭ ތަނަކަށްވެއްޖެއެވެ. ބިޔަ ގަސްތައް ހެދި ހަވިއްތައިގެ ގާގަނޑުތައް ނެއްޓެން ފަށައިފިއެވެ. އިހަށް، ގާތްގަނޑަކަށް 60 ފޫޓު އުސްމިނުގައި ހުރި ހަވިއްތަ މިހާރު ގާފުންޏަކަށްވެ ބިމާ ހަމަވާހެން ހީވެއެވެ. ބައެއްގެ ބޮލުގައި އެތަން ބެލެހެއްޓުމުގެ ޒިންމާ އެޅުމުގެ ބަދަލުގައި ފަރުދުން އެކަމުގެ ޒިންމާ ނެގުން ކީއްތޯއެވެ. ރަށުގެ އެކި އިދާރާ ތަކާ މަދަރުސާތަކުން ސާފު ކުރުމުގެ ހަފްތާތަކާ ދުވަސްތައް ކުރިއަށް ގެންދަވައެވެ. އެފަދަ ދުވަސްދުވަހުވެސް މިފަދަ ތަރިކަތައް ހިމެނޭ ސަރަހައްދުތައް ސާފުކޮށްލުން ކީއްތޯއެވެ. އަޅުގަނޑުމެންގެ ތާރީޚަށް އަޅުގަނޑުމެން ނުކުރި އިޙުތިރާމެއް އެހެން ބަޔަކު ކުރާނެތޯއެވެ. ނޫނެކެވެ. އެހެނެއް ނުވާނެއެވެ. އެހެންކަމުން އަޅުގަނޑުމެންގެ ރަށުގެ ތާރީޚާ ގުޅިފައިވާ އާސާރީ ތަރިކަތައް ބެލެހެއްޓުމާ ރައްކާތެރި ކުރުމުގެ ފަރުދީ ޒިންމާ އަޅުގަނޑުމެން އުފުލަމާތޯއެވެ. ވަކި މުނާސަބަތެއް ނެތި ހަފްތާގެ ކޮންމެ ދުވަހަކުވެސް، އަހަރުގެ ކޮންމެ މަހަކުވެސް އެތަންތަން ސާފުކޮށް ބެލެހެއްޓިއްޖެކަމަށްވާނަމަ އަޅުގަނޑުމެންނަކީ ތަރައްޤީވެ ތަހުޒީބުވެފައިވާ ބަޔަކަށްވާނެއެވެ. އެބައެއްގެ މާޒީގައި ކޮޅުފައިން ޖަހައިލި ބަޔަކީ ތަހުޒީބު ބަޔަކަށްވާނެތޯއެވެ. ނޫނެކެވެ. ނުވާނެއެވެ.